ފީފާ ވޯލްޑް ކަޕް 2026 ގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ އެޑިޑާސް ރަން ބޫޓު ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި މިހާތަނަށް ހިމެނެނީ އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އާއި، ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް އަދި ސުވިޑަންގެ މިޑްފީލްޑަރު ޔާސީން އަޔާރީއެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ މިހާތަނަށް މުބާރާތުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.
އެމެރިކާއިން ޕެރަގުއޭ އަތުން 4-1 އިން މޮޅުވި މެޗުގައި ބަލޯގަން ވަނީ ދެ ގޯލު ޖަހައި ޓީމަށް މުހިންމު ކުރިއެރުމެއް ހޯދައިދީފައެވެ. ހަމައެއާއެކު، ޖޫން 14 ވަނަ ދުވަހު އެމެރިކާގެ ހިއުސްޓަންގައި ކުޅުނު ގްރޫޕް އީގެ ފުރަތަމަ މެޗުގައި، ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ކުރަސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވި މެޗުގައި އެ ޓީމުގެ ކައި ހަވާޓްޒް ވެސް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސުވިޑަން އިން ޓިއުނީޝިއާ އަތުން 5-1 އިން މޮޅުވި މެޗުގައި ސުވިޑަންގެ ޔާސީން އަޔާރީ ވެސް ވަނީ ދެ ގޯލު ކާމިޔާބުކޮށް، ރަން ބޫޓުގެ ރޭހުގައި ބައިވެރިވެފައެވެ. މި ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެޑިޑާސް ރަން ބޫޓު ދެވޭނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށެވެ. ނަމަވެސް، ދެ ކުޅުންތެރިއަކު ނުވަތަ އެއަށްވުރެ ގިނަ ކުޅުންތެރިން އެއް އަދަދަކަށް ގޯލު ޖަހައިފިނަމަ، ނަތީޖާ ނެރުމުގައި ބަލާނީ ގޯލު ޖެހުމަށް އެހީތެރިވެދިން އަދަދަށެވެ. މިކަން ކަނޑައަޅާނީ ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕުންނެވެ. އެސިސްޓްގެ އަދަދުން ވެސް ކުޅުންތެރިން އެއްވަރުވެއްޖެ ހާލަތެއްގައި، ދެން ބަލާނީ މުބާރާތުގައި ކުޅެފައިވާ ޖުމްލަ މިނެޓަށެވެ. މި ހާލަތުގައި ރަން ބޫޓު ލިބޭނީ އެންމެ މަދު މިނެޓު ކުޅެގެން އެ އަދަދަށް ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ.




