ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ފުރަތަމަ މެޗުން ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ފެށުން ރަނގަޅުކޮށްފި އެވެ. މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ދެކުނު އެފްރިކާ ބަލިކޮށްފައިވަނީ ހޫލިއަން ކީނޯނޭޒް އާއި ރައުލް ހިމެނޭޒް ޖެހި ލަނޑުތަކުންނެވެ. މެކްސިކޯ އިން މުޅި މެޗު ކޮންޓްރޯލްކޮށް ކުޅުނު އިރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އަދި ދެވަނަ ލަނޑު ޖެހުމަށް އެހީތެރިވެދިނީވެސް ކީނޯނޭޒް އެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގެ ފޯރިގަދަ މާހައުލުގައި، ހަވިއޭ އަގީރޭގެ ޓީމުން މެޗުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ފަސް މިނެޓުވެސް ނުވަނީހެވެ. އިސްރޭލް ރޭޔެސް ކަނާތްފަރާތުން ނެގި ހުރަހަކުން ރައުލް ހިމެނޭޒް ފޮނުވާލި ބާރު ހަމަލާ، ދެކުނު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުށިޔާރުކަމާއެކު ބޭރުކޮށްލާފައެވެ.
ނަމަވެސް، މާގިނަ އިރުތަކެއް ނުވެ މެކްސިކޯ އިން ލީޑު ނެގިއެވެ. އެރިކް ލީރާ، ސްޕެފެލޯ ސިތޯލް އަތުން ބޯޅަ އަތުލައި ކީނޯނޭޒް އަށް ދިނުމުން، އޭނާ ވަނީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ވިލިއަމްސްގެ ފައިދަށުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުނުއިރު އެއް ލަނޑުގެ ތަފާތަކުން އޮތުމަކީ ދެކުނު އެފްރިކާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެއީ ހިމެނޭޒް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ދިފާއުކުރުމާއި، ކީނޯނޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވުމުންނެވެ.
ދެވަނަ ހާފު ފެށުނުތާ މާގިނަ އިރުތަކެއް ނުވެ ދެކުނު އެފްރިކާއަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. ގޯލަށް ނުރައްކާ ކުރަން ދިޔަ ހިމެނޭޒް އަށް އޭރިއާ ރޮނގުމަތިން ސިތޯލް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ހާދިސާއާއެކު ދެކުނު އެފްރިކާގެ ކުޅުން އިތުރަށް ބަލިކަށިވެގެން ދިޔައެވެ.
ބޮކްސިންގެ ތަރި ކެނެލޯ އަލްވަރޭޒް ހިމެނޭހެން މެކްސިކޯގެ ސަޕޯޓަރުންގެ ފޯރި ގަދަވެގެންދިޔައީ 17 އަހަރުގެ ގިލްބާޓޯ މޯރާ ކުޅެން އެރުވުމުންނެވެ. އަދި އޭގެ މިނެޓެއްވެސް ނުވަނީސް މެކްސިކޯގެ ދެވަނަ ލަނޑު ފެނިގެންދިޔައެވެ. ކީނޯނޭޒް އާއި ހިމެނޭޒް ގުޅިގެން އުފެއްދި ހަމަލާއަކުން ރޮބާޓޯ އަލްވަރާޑޯ ނެގި ހުރަސް، މެކްސިކޯގެ ނަންބަރު 9 ޖާޒީގައި ކުޅޭ ހިމެނޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗު ނިމުނީ އިތުރު ދެ ރަތް ކާޑާއެކުގައެވެ. އެއީ ދެކުނު އެފްރިކާގެ ބަދަލު ކުޅުންތެރިޔާ ތެމްބާ ޒްވާނީ އާއި މެކްސިކޯގެ ސެންޓަރ ބެކް ސޭސާ މޮންޓޭސް އަށް ދެއްކި ރަތް ކާޑެވެ. މި މެޗުގައި ކުޅެން އެރި ގިލްބާޓޯ މޯރާ ވަނީ ހާއްސަ ރެކޯޑެއް ގާއިމުކޮށްފައެވެ. އުމުރުން 17 އަހަރާއި 240 ދުވަހުގައި އޭނާ ވެފައިވަނީ ވޯލްޑް ކަޕެއްގައި ކުޅުނު ހަވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.




