ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ އެންމެ ދޮށީ ދަރިކަނބަލުން ޕްރިންސެސް ބަޖްރަކިޓިޔާބާ، ތިން އަހަރަށް ވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 47 އަހަރުގެ ޕްރިންސެސް ބަޖްރަކިޓިޔާބާ އަވަހާރަވީ ބެންކޮކްގެ ޗުލަލޮންގްކޯން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ތައިލެންޑުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑޮކްޓަރުންގެ ޓީމުން މެދުކެނޑުމެއްނެތި ފަރުވާދެމުން ދިޔަ ނަމަވެސް އޭނާގެ ހާލުކޮޅު ދިޔައީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އޭނާ ކޯމާއަކަށް ވަޑައިގަތީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުއްތާތަކަކާއެކު ކަސްރަތު ކުރައްވަން އުޅުއްވުމުގެ ތެރޭގައި ހޭފުޅުނެތިގެން ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި އެކަން ދިމާވީ ހިތަށް ޖެހުނު އިންފެކްޝަނެއްގެ ސަބަބުން ހިތުގެ ވިންދަށް ދިމާވި މައްސަލަތަކަކާ ހެދިއެވެ.
ޕްރިންސެސް ބަޖްރަކިޓިޔާބާއަކީ އެމެރިކާގެ ކޯނެލް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފައިވާ ގާބިލު ބޭކަނބަލެކެވެ. މީގެ އިތުރުން، އޭނާއަކީ ތައިލެންޑުގެ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމަށާއި، ޖަލުތަކުގައި ތިބޭ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެކެވެ.
ރަސްގެފާނު ވަޖިރަލޮންގްކޯންގެ ހަތް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ ޕްރިންސެސް ބަޖްރަކިޓިޔާބާއެވެ. ރަސްގެފާނުގެ ފަހުން ތަހުތަށް އިސްކުރާނެ ވަލީއަހުދެއް މިހާތަނަށް ރަސްމީކޮށް ކަނޑައަޅުއްވާފައެއް ނުވެއެވެ. ތައިލެންޑުގެ ސަގާފަތް އޮންނަ ގޮތުން ތަހުތަށް އިސްކުރަނީ ފިރިހެން ބޭފުޅުން ނަމަވެސް، 1974 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދަށުން އަންހެން ބޭކަނބަލުންނަށްވެސް ތަހުތަށް ވަޑައިގަތުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ޕްރިންސެސް ބަޖްރަކިޓިޔާބާ ރަނިކަމުގެ ތަހުތަށް އިސްކުރާނެ ކަމަށެވެ. ނަމަވެސް އޭނާ އަވަހާރަވުމާ ގުޅިގެން، ރަސްކަމުގެ ތަހުތާ ދެން ހަވާލުވާނެ ބޭފުޅަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ތައިލެންޑުގައި އޮންނަ ހަރުކަށި ގާނޫނުތަކުގެ ސަބަބުން، ރަސްކަމުގެ ތަހުތާ ގުޅޭގޮތުން އާންމުކޮށް ބަހުސްކޮށް ވާހަކަދެއްކުމަކީ މަނާ ކަމެކެވެ.




