ޕާކިސްތާނުން އަފްގާނިސްތާނުގެ އެތެރެއަށް ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 13 މީހަކު މަރުވެ މަސްރަހު ގޯސްވެއްޖެއެވެ. ރޭ ފަތިހު ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަފްގާނިސްތާނުގެ އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ ހޯސްޓް، ކުނާރު އަދި ޕަކްޓިކާއަށެވެ.
އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވަނީ އާންމުން ދިރިއުޅޭ ގެތަކަށެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދީންނާއި އަންހެނެއްގެ އިތުރުން އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނޭއިރު، އިތުރު 14 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.
ނަމަވެސް، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ މިއީ ޕާކިސްތާނުގެ އެތެރޭގައި ދާދިފަހުން ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިން ފިލައިތިބި ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. ޕާކިސްތާނު ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި މި އޮޕަރޭޝަނުގައި 26 ހަނގުރާމަވެރިން ވަނީ މަރާލައިފައެވެ.
މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގައި ހުންނަ ސަލާމަތީ ބާރުތަކުގެ ޗެކްޕޯސްޓަކަށް ޓީޓީޕީން ހަމަލާދީ ހަ ސިފައިން މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އަފްގާނިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރި ނަމަވެސް، ކާބުލްއިން ވަނީ އެކަން ދޮގުކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ. ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުން އިތުރުވެފައިވާއިރު، މީގެކުރިން ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އަފްގާނިސްތާނު ސިފައިންވެސް ވަނީ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުގެ ޕޯސްޓުތަކަށް ހަމަލާދީފައެވެ. ނަމަވެސް، މިއަދުގެ ހަމަލާތަކަށްފަހު ބޯޑަރު ސަރަހައްދުގެ މަސްރަހު މިވަގުތު އޮތީ މާބޮޑު ހަމަލާބަދަލުކުރުމެއް ނެތި މަޑުޖެހިފައެވެ.




