އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، މުޅި މެދުއިރުމަތީގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އާދީއްތަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އީރާނުގެ ކަރަންޓު އުފައްދާ ތަންތަނަށް ހަމަލާދީފި ނަމަ، މުޅި ސަރަޙައްދުގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި ހަކަތަ އުފައްދާ މަރުކަޒުތައް "އަނބުރާ އިއާދަނުކުރެވޭ ފަދަ މިންވަރަކަށް ސުންނާފަތިކޮށްލާނެ" ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގެ ކަރަންޓު އުފައްދާ ތަންތަނާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭ ވަގުތުން ފެށިގެން، މުޅި ސަރަޙައްދުގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި، ހަކަތައާއި ތެލުގެ ވަސީލަތްތަކަކީ ހަމަލާދެވިދާނެ އަމާޒުފަތްތަކެއްގެ ގޮތުގައި ބެލެވޭނެ. އަދި އެ ތަންތަން އަނބުރާ އިއާދަނުކުރެވޭނެހެން ހަލާކުކޮށްލެވޭނެ،" ޤާލީބާފް ވިދާޅުވެފައިވެއެވެ.
އީރާނުގެ ތަންތަނަށް ހަމަލާދީފި ނަމަ، ރައްދުގައި ދޭ ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު "ދިގު މުއްދަތަކަށް" އުފުލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންޒާރުތައް އައިސްފައިވަނީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފި ނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ، އެ ކަނޑުއޮޅި އޮތީ އީރާނުގެ ބިމަށް އަރައިގަންނަ މީހުން ފިޔަވައި އެހެން އެންމެންނަށް ހުޅުވާލެވިފައި ކަމަށެވެ.
"އީރާނު ދުނިޔޭގެ ޗާޓުން ފޮހެލެވޭނެ ކަމަށް ދެކޭ ކުށްހީން ފެންނަނީ ތާރީޚު ބަދަލުކުރާ ފަދަ ވަރުގަދަ އަޒުމެއް އޮތް ގައުމެއްގެ ކުރިމަތީގައި އޮތް ނުކުޅެދުންތެރިކަން. ބިރުދެއްކުމާއި ބިރުވެރިކަން ފެތުރުމުން އިތުރުވަނީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން،" އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ، އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުމުގެ އިންޒާރު ޓްރަމްޕް ތަންފީޒުކޮށްފި ނަމަ، ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމަށެވެ.
އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ހިއްސާ އޮންނަ ކުންފުނިތައް "އެއްކޮށް ސުންނާފަތިކޮށްލާނެ" ކަމަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކުގެ ހަކަތަ އުފައްދާ ތަންތަނަކީ ހަމަލާދިނުން ހުއްދަ އަމާޒުފަތްތަކަކަށް ވާނެ ކަމަށެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު ހޮރްމޫޒް ކަނޑުއޮޅި އީރާނުން އޮތީ ބަންދުކޮށްފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއާއި އޭގެ ބައިވެރިން ފިޔަވައި އެހެން ފަރާތްތަކަށް އެ ސަރަޙައްދު ހުޅުވާލެވިފައިވާ ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް އީރާނުން ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވީ، "އީރާނުގެ ދުޝްމަނުންނާ" ގުޅުންހުރި އުޅަނދުފަހަރު ފިޔަވައި އެހެން ހުރިހާ ބޯޓުފަހަރަކަށް އެ ސަރަޙައްދުން ދަތުރުކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، 1970 ގެ އަހަރުތަކަށްފަހު ކުރިމަތިވި އެންމެ ބޮޑު ތެލުގެ މައްސަލަ ވަނީ އުފެދިފައެވެ.







