ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އެޗްޑީ ހިޔުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 7 ގެ ފައިނަލުންނާއި މުބާރާތުގެ ގަދަ 16 އިން އައްޑޫ ސިޓީ ހިތަދޫ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ހިތަދޫން މަރަދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހިތަދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލް އާއި މުހައްމަދު ދާނިޝް އިބްރާހީމެވެ. މި ދެ ލަނޑު ޖެހުމަށްވެސް އެހީތެރިވެދިނީ ގައުމީ ޓީމުގެ ތަރި ހަސަން ރާއިފް (ހަންނަ) އެވެ. މިއީ މި މުބާރާތުގައި ހަންނަ ކުޅުނު ފުރަތަމަ މެޗެވެ.
ޒޯން ފައިނަލުގައި ހިތަދޫ ނުކުންނާނީ ގައުމީ ފުޓްސަލް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ގއ. ދެއްވަދޫއާ ދެކޮޅަށެވެ. މިއީ ހިތަދޫ ޒޯން ފައިނަލުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެޓީމުން ވަނީ 2024 ވަނަ އަހަރުގެ ޒޯން ޗެމްޕިއަންކަން ހޯދާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ހިތަދޫގެ ކޯޗު ބޮންޑާ ބުނީ މިއީ ފަސޭހަ މެޗެއް ނޫން ކަމަށާއި، ފައިނަލް މެޗުވެސް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ޓީމުން މެޗުގައި ވަރުގަދަ ފައިޓެށް ދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބޮންޑާ ފާހަގަކުރިއެވެ.




