އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ސެމީ ފައިނަލާއި ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ސެމީ ފައިނަލްގެ މެޗުތައް މާދާމަ ފަށާއިރު، މި މުބާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންނާއި އަަލަށް އަރަމުން ޒުވާން ކުޅުންތެރިންގެ ހުނަރު ދައްކުވައިދޭ މުބާރާތަކަށެވެ. މިގޮތުން ސެމީއަށް ގޮސްފައިވާ ކޮންމެ ޓީމަކީވެސް އަނެއް ޓީމާ އަޅާކިޔާއިރު ، ކުޅުމާއި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ތަފާތުތަކެއް ހުރި ޓީމުތަކެކެވެ.
ޑިފެންޑިންގ ޗެމްޕިއަން މައިލޯ ސްޕޯޓްސް ކްލަބް
މުބާރާތުގެ ޑިފެންޑިން ޗެމްޕިއަން ކަމަށްވާ މައިލޯ ސިޓީ ސްޕޯޓްސް ކްލަބް ސެމީއަށް ދިޔައީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފައެވެ. މައިލޯ މިހިސާބަށް ގެންދިޔުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު އެއް ކުޅުންތެރިޔަކީ އެޓީމުގެ މެދުތެރެއަށް ކުޅެމުންދާ ސަބަޓީއެވެ. އޭނާގެ ޑިފެންސިވް މަސައްކަތާއި، ހިލޭ ޖެހުންތަކާއި އިދިކޮޅު ޓީމުތަކުގެ އެޓޭކް ހުއްޓުވުމުގައި ކުޅުނު ރޯލް އެންމެންވެސް ފާހަގަކުރެއެވެ. މައިލޯގެ ތަޖުރިބާއާއި އެޓީމުގެ ސަޕޯޓަަރުންގެ ސަޕޯޓަކީ ސެމީ ފައިނަލުގައި އެހެން ޓީމުތަކަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
ފްރެންޑްސް ކްލަބް: ބިދޭސީ ކުޅުންތެރިންގެ އެހީގައި
ފްރެންޑްސް ކްލަބުން ވަނީ މިއަހަރުގެ މުބާރާތަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ބިދޭސީ ތިން ކުޅުންތެރިއަކު ގެނެސްފައެވެ. ގްރޫޕް ސްޓޭޖުގައި މައިލޯ ކަހަލަ ވަރުގަދަ ޓީމަކާ އެއްވަރު ކުރުމުން އެނގިގެން ދިޔައީ، އެޓީމަކީ ފައިނަލަށް ވާދަކުރާނެ ޓީމެއް ކަމެވެ. ފްރެންޑްސް ކްލަބުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޓީމުގެ ލީޑަރު އަދި މިހާތަނަށް އެންމެ ރަގަޅަށް ކުޅެފައިވާ ސިއްކޯއެވެ. ސިއްކޮ ކުޅުމަކީ ސެމީ ފައިނަލުގައި އެޓީމަށް ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.
މަރަދޫ އެފްސީ: ޒުވާން ތަރި ޒާކީގެ ހުނަރު
މަރަދޫ އެފްސީ މި މުބާރާތަށް އައިސްފައިވަނީ ކުރީގެ އަހަރުތަކަށްވުރެ ވަރުގަދަ ސްކޮޑަކާ އެކުއެވެ. މި ޓީމަކީ މުބާރާތަށް އެންމެ ކުރިން ޕްރކްޓިސް ފެށި ޓީމެވެ. އައްޑޫއިން ބޭރުންވެސް ކުޅުންތެރިން ގެނެސް މަރަދޫން މީގެ ކުރީ އަހަރުތަކުގައި ނުދޭހާ ބޮޑު ސީރިއަސް ކަމެއް މިފަހަރު ދިނެވެ. މަރަދޫގެ މައިގަޑު ތަރިއަކީ 16 އަހަރުގެ ޒާކީއެވެ. އޭނާގެ އެޓޭކިން ހުނަރާއި ޑްރިބްލިންގެ ހުނަރުން ގިނަބަޔަކު ވަނީ ހައިރާންވެފައެވެ. ޒާކީއަކީ މަރަދޫގެ ސެމީ ފައިނަލްގެ އުއްމީދެވެ.
ކްލަބް ލޮތަރީ: ފުރުސަތު ނިންމުމުގެ މައްސަލަ
ގްރޫޕް ސްޓޭޖުގައި ތިން މެޗުން ބަލިވި ނަމަވެސް، އެޓީމު ވަނީ ކޮންމެ މެޗެއްގައިވެސް ރަގަޅަށް ކުޅެފައެވެ. އެޓީމުގެ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުމެވެ. ލޮތަރީގެ ތަރިޔަކީ ސަހައްޕޭއެވެ. ސެމީ ފައިނަލް މަރުހަލާ ކަޑައްތު ކުރެވޭނީ ގޯލު ނުޖެހުމުގެ މައްސަލަ ހައްލު ކުރެވިގެންނެވެ.






