ހުުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަމުންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމަލޭގައިވަ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން ޓޯކުރާނެ ކަމަށެވެ.
އެގޮތުން ހުޅުމާލޭ އެކި ތަންތަނުގައި ބެހެއްޓިފައި ހުރި އެއްގަމު އުޅަނދުތައް، ޑިސެންބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގައިފައެވެ.
އަދި މި ތާރީޚުގެ ފަހުން ބަހައްޓާފައި ހުންނަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ ކަމަށާޢި، މިގޮތަށް ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައާއި ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށް ފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރި ފަރާތުން ކަމަށެވެ.






