ދެކުނުގެ ރަށެއްގައި ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކޮށް ބިރުދެއްކި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޮވެންބަރު 21 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ ޢާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއް ކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ޖިނާއީ ބައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
އަދި ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވުމާއެކު، އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.







