އިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށް ގަވާއިދު އިޞްލާހްކޮށްފިއެވެ.
މި ބަދަލު ގެނައީ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތްކުރުމަށްޓަކައި، ގަވާއިދު ނަންބަރު 2019/R-1019 (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) އަށް ގެނައި 5 ވަނަ އިޞްލާޙުގައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މި އިޞްލާޙުގެ ދަށުން، ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކުރުމާއި، ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގައި އިންޝުއަރަންސްގެ ލިޔެކިޔުންތައް ހުށަހެޅުން ލާޒިމުކޮށްފައިވެއެވެ. މި ބަދަލުތަކަކީ، ޢިމާރާތްކުރުމުގެ ސިނާޢަތުގައި ހިނގާ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން ގެނަވުނު މުހިންމު އިސްލާހް ތަކުގެ ތެރޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާޙައުލާއި، މަސައްކަތު މީހުންނާއި، ޢިމާރާތްތަކާއި، ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން މިހާރު ވަނީ މަޖުބޫރީކަމަކަށް ވެފައެވެ. މިއީ ޢިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ޢިމާރާތްކުރުމުގެ ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގެ އުޞޫލަށް ގެނެވުނު ބަދަލަކީ، އިންޝުއަރަންސް ކުރިކަމުގެ ލިޔުން، ޕްރޮޖެކްޓް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނުމެވެ. މީގެ ސަބަބުން، އިންޝުއަރަންސް ނެގުމުގެ ޤަވާއިދު ހަރުދަނާވެ، ކޮންމެ ޢިމާރާތްކުރުމުގެ މަސައްކަތެއްވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއަރ ކޮށްފައިވާކަން ކަށަވަރުކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން