ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ ކުންމިންގ ސިޓީގައި މިހާރު ކުރިއަށްދާ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ތަޤްރީރު ކުރައްވަމުންނެވެ.
"އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް" މި ޝިއާރުގެ ދަށުން މިއަހަރު ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގ ސިޓީގައި 21 ޖޫން 2025 އާ ހަމައަށެވެ. މިއެކްސްޕޯގެ އިފްތިތާހީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ކުރެއްވި ތަޤްރީރުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ވަރަށް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ނާޡިމްގެ ވާހަކައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުމަށް ޚާއްޞަ އަލިއަޅުވައިލެއްވިއެވެ. މިގޮތުން، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެތެރެއިން، ދިވެހިރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
މީގެއިތުރުން، ނައިބު ރައީސް ނާޡިމްވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ނާޡިމްގެ ވާހަކައިގައި، ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ކުދި ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް އިޝާރާތް ކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން