ބ. ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60% ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހިތާދޫ ބަނދަރުގެ ބްރޭކްވޯޓަރ އަދި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ 60% ވަނީ ނިމިފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ހިލަތަކުގެ ދެވަނަ ޝިޕްމަންޓް އެ ސަރަހައްދަށް ގެންގޮސް، ބްރޭކްވޯޓަރ ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވޭ ހިސާބު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތުކުރުން ވެސް ހިމެނެއެވެ.
އަދި މީގެ އިތުރުން، ބްރިޖެއް ހެދުމާއި، 1,750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 19.80 މިލިއަން ރުފިޔާއެވެ.
މި ލިޔުން ކިޔާލުމުން