ދެ އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ހުއްޓިފައި އޮތް ގދ. ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީ އިން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ދަށުން ފީފާ އިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އެޅުމާއި، ގޯލް ޕޯސްޓް ހަރުކުރުމާއި، ފެންސް ޖެހުމާއި އަދި ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ.
ގާތްގަނޑަކަށް 1،800 މީހުންގެ އާބާދީއެއް ދިރިއުޅޭ ފަރެސްމާތޮޑާގައި މި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރެވުމުން، އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި، ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ އެ ވަޢުދުފުޅު ފުއްދުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.
މި ލިޔުން ކިޔާލުމުން