ހުޅުމާލޭގައި ޤާއިމްކުރަމުންދާ ތެލެސީމިއާ ސެންޓަރުގެ އައު އިމާރާތް "އޮރެންޖު ހިޔާ" އަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށް، މިއަދުން ފެށިގެން އެ ބަސް ހުއްޓިން ޚިދުމަތް ދޭން ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އޮރެންޖު ހިޔާއަށް ޚިދުމަތް ހޯދަން ދިޔުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
މި އައު އިންތިޒާމުގެ ދަށުން، ހުޅުމާލެ ފޭސް 1 އާއި 2 އަށް ދަތުރުކުރާ އާރު 5 ރޫޓުގެ ބަހުން އޮރެންޖު ހިޔާއަށް މަޑުކުރާނެއެވެ. އަދި މާލެއިން އޮރެންޖު ހިޔާއަށް ސީދާ ދަތުރުކުރުމަށް އާރު 15 ގެ ނަމުގައި އައު ބަސް ރޫޓެއްވެސް ތަޢާރަފުކޮށްފައިވެއެވެ.
އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި، މިއަދު މެންދުރުފަހު 1:30 އިން ފެށިގެން މި ދެ ރޫޓުންވެސް އޮރެންޖު ހިޔާ ބަސް ހުއްޓިއަށް ޚިދުމަތް ދޭން ފަށާނެއެވެ.
ތެލެސީމިއާ ސެންޓަރުގެ އައު އިމާރާތް ކަމުގައިވާ އޮރެންޖު ހިޔާ ހުޅުވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ތެލެސީމިއާ ދުވަސް ކަމުގައިވާ މެއި 8 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރެވުނީ މާރިޗު 28 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ހުރި ހުރިހާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން