ދިވެހި ފިލްމީ ދާއިރާގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "އަބަދަށް" ފިލްމުގެ ޕްރިމިއާ ނައިޓް މިރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. "ލޫދިފާ" ފަދަ ކާމިޔާބު ފިލްމެއް ގެނެސްދިން ޕްރޮޑިއުސަރ ނޫރައްދީންގެ މި އައު ފިލްމަކީ، މިހާތަނަށް އޭނާ އުފައްދާފައިވާ އެންމެ ފުރިހަމަ މަސައްކަތްކަމަށް ބެލެވެއެވެ.
"ހޭލާ" އަދި "ހެޕީ ބާތު ޑޭ" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ނޫރައްދީން ބުނީ، "މި ފިލްމް ބަލައިގެން އަބަދަށްޓަކައި ހިތްހަމަޖެހޭނެ. އެހެންވެ މި ފިލްމަށް އަބަދަށް މި ނަން މިދިނީވެސް" ކަމަށެވެ.
މިއަދުގެ މުޖުތަމައުގައި ހިނގަމުންދާ މުހިންމު ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކޮށްފައިވެއެވެ. ފިލްމުގެ މައިގަނޑު ރޯލުތައް އަދާކުރަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުހައްމަދު އަދި އަހްމަދު ޝާރިފު ފަދަ ރާއްޖޭގެ ނަންމަޝްހޫރު ތަރިންނެވެ.
ފިލްމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ނޫރައްދީން ބުނީ، "މި ފިލްމު ބަލާލާފައި ދިވެހިންވެސް ރަނގަޅު ފިލްމު އުފައްދައޭ، ދިވެއްސަކަށްވީތީ ފަޚުރުވެރިވަމޭ ބުނާފަދަ އިހުސާސެއް މި ފިލްމުން ގެނެސްދޭނެ" ކަމަށެވެ.
މިރޭ އޮލިމްޕަހުގައި ފިލްމު ދައްކާއިރު، ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައިވެސް އެއް ވަގުތެއްގައި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޮލިމްޕަހުގައި ޖާގަ ލިބުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުނު މި ފިލްމުގެ ޓިކެޓް މިހާރުވެސް ދަނީ ވިއްކަމުންނެވެ
މި ލިޔުން ކިޔާލުމުން