އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލްގެ މިޔުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިވެ. މިއީ ކުރިން އިންޑިއާގެ ބޭންޑުތަކަށް އެކަނި ޚާއްސަކޮށްގެން ބޭއްވި ޝޯއެއް ނަމަވެސް، މިއަހަރު ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކޮށްފައިވާ މުބާރާތެކެވެ.
ރޭ ބޭއްވުނު ޝޯގައި "ޓޫ އޮފް އަސް" ބޭންޑުން ހުށަހެޅީ ދިވެހި އަމިއްލަ ރާގުގެ ދެ މަޝްހޫރު ލަވައެވެ. އެއީ މަރުހޫމް މެޒޯ މުޙައްމަދުގެ "މޮޅު އޮޑި" އާއި މޭނާ ހައްސާނުގެ "މިލަމިލަ ހަނދުވަރު" އެވެ. މި ދެ ލަވައިގެ ޕަފޯމަންސްއިން މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ. ޚާއްސަކޮށް "މިލަމިލަ ހަނދުވަރު" ލަވަ ފެށުމާއެކު ޖަޖުންނާއި، މުބާރާތުގެ ބައިވެރިންނާއި އަދި މުޅި އޯޑިއެންސް ވަނީ ތަރުހީބުގެ އަޑުން ގުގުމާލާފައެވެ.
ރޭގެ ޝޯގައި އިންޑިއާގެ މަޝްހޫރު މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކު ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވިއެވެ. އަނޫ މާލިކް ވަނީ "ޓޫ އޮފް އަސް" ބޭންޑުގެ ހުށަހެޅުމަކީ އޭނާގެ މިއުޒިކީ ހަޔާތުގައި ފެނުނު އެންމެ މޮޅު އަދި ތަފާތު އެއް ހުށަހެޅުން ކަމުގައި ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބޭންޑުގެ ލީޑް އަދުހަމްގެ ހުނަރަށް ތައުރީފުކޮށްފައިވެއެވެ.
"ޓޫ އޮފް އަސް" ބޭންޑުގައި އަދުހަމްގެ އިތުރުން ޢަބްދުﷲ ޝަމްރޫޚް، މުޙައްމަދު ނަސޫހު، އަޙްމަދު ޝަހީދު އަދި އަޙްމަދު ޖަޝީމް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ބޭންޑުން މީސްމީޑިއާގައި ޝެއަރކޮށްފައިވާ ހުށަހެޅުންތައް ފެނިގެން ޝޯވްގެ ޓީމުން އިންވައިޓްކުރުމުން ކަމަށް އަދުހަމް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން