ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. މިއީ އިދިކޮޅު އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާތީ އެކަން ކުށްވެރިކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ވަޙީދު ވިދާޅުވެފައިވަނީ، ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާ ކަމެއްކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓާލަންވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލާއަށް ނިސްބަތްކޮށް ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވައި، ކުރީގެ ރައީސް ޑރ. ވަޙީދުގެ އިތުރުން ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުންވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، 3 ފަރާތަކަށް ދަޢުވާކުރުމަށް އާއިލާއިން ވަނީ ނިންމަވާފައެވެ. މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުން ހުއްޓުވުމަށް ގޮވާލަމުންނެވެ.
މި ލިޔުން ކިޔާލުމުން