ފިލިޕިންސް ގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އެ ގައުމުގެ ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ.
މި އަދު ހެނދުނު ޑުޓާޓޭ ހައްޔަރު ކޮށްފައި މިވަނީ ހޮލެންޑްގެ، ދި ހޭގް ގައި ހުންނަ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރަކާއި ގުޅިގެންނެއެވެ.
79 އަހަރުގެ ކުރީގެ ރައީސް ހައްޔަރަށް ގެންގޮސްފައި ވަނީ ހޮންކޮންގ އިން އެނބުރި ގައުމަށް އައިތަނުން މެނީލާގެ އެއާޕޯޓުންނެއެވެ.ޑުޓާޓޭ ހޮންކޮންގ އަށް ގޮސްފައި ވަނީ ދައުރުގެ މެދުތެރެިން ބާއްވާ ޑާވޯ ސިޓީގެ މޭޔަރުގެ އިންތިހާބްގެ ކެމްޕެއިން އަށެއެވެ.
ޑުޓާޓޭ ގެ ވެރި ކަމުގައި 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމަޔަށް ކުރެވުނު މަސްތުވާތަކެއްޗާއި ދެކޮޅު ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރާލާ އިންސާނިއްޔަތާއި ހިލާފް ޖަަރީމާ ހިންގި ކަމުގެ ތުހުމަތުގައި ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ.
ފިލިޕިންސްގެ ރައީސް ކަމުގައި އަދި އޭގެ ކުރިން ޑާވޯ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ޑުޓާޓޭ ހުރި ދުވަސްވަރު މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ވަނީ އެތައް ހާސް ބަޔަކު ބަޑި ޖަހާ މަރާލާފައެވެ.ޑުޓާޓޭ އަށް ފާޑު ކިޔާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ މަރާލައިފައިވާ ގިނަ މީހުންނަކީ އާދައިގެ ނިކަމެތި އާއިލާތަކަށް ނިސްބަތްވާ މަސްތުވާތަކެތީގެ ޝިކާރަޔަކަށް ވެފައިވާ މީހުން ކަމަށް ބުނެފައެވެ.މަސްވާތަކެތީގެ ވިޔަފާރީގެ ބޮޑުން އަދިވެސް މިނިވަން ކަމާއެކު އެ ވިޔަފާރީގައި ޝާމިލްވާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޑުޓާޓޭ ވަނީ އޭނާ ހައްޔަރު ކުރަން ޖެހޭ އެއްވެސް ކުށެއް ކޮށްފައި ނޯންނާނެ ކަމަށާއި އަ.އި.ސީ ގެ މެމްބަރު ކަމުން ވެސް ފިލިޕިންސް ވަކިވެފައިވާ ކަމަށް ހައްޔަރަށް ފަހު އޭނާގެ އަންހެން ދަރިކަނބަލުންނާއި ހަވާލާދީ އެއާޕޯޓުގައި ހުރެ ބުނެފައެވެ.
''އަހަރެން ފާފަ އެއް ނޫނީ ކުށެއް ނުކުރަން، ވެރިކަމުގައި ކުރި ހުރިހާ ކަމެއްވެސް ކުރީ ފިލިޕިންސް ރައްޔިތުންގެ ސުލްހަޔާއި އަމާންކަން ކަށަވަރު ކުރުމަށް'' ޑުޓާޓޭގެ އަންހެން ދަރިފުޅު ވެރޯނިކާ ޑުޓާޓޭ، ޝާއިރު ކުރި ވީޑިޔޯ އެއްގައި އެއަރޕޯޓްގައި ހައްޔަރުގައި އިން ޑުޓާޓޭ ބުންޏެއެވެ.
ޑުޓާޓޭ އާއި ދެކޮޅަށް އައި.ސީ.ސީ އަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަ ބަލަން ފަށާފައި ވަނީ 2021 ވަނަ އަހަރުއެވެ. އެ މައްސަލަތަކަކީ ޑުޓާޓޭ ޑާވޯ ސިޓީ ގެ މޭޔަރު ކަމުގައި 2011 ވަނަަ އަހަރު ހުރި ދުވަސްވަރުން ފެށިގެން 2019 ވަަނަ އަހަރާއި ހަމަޔަށް އޭނާގެ ވެރިކަމުގައި ހިންގާފައިވާ އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކުގެ މައްސަލަތަކެއެވެ.
ފިލިޕިންސް އައި.ސ.ީސީ ގެ މެމްބަރު ކަމުން ވަކިވެފައިވަނީ ޑުޓާޓޭގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާރޗް މަހުގައެވެ.ނަމަވެސް އެކޯޓުން ބުނާ ގޮތުން 2018 ވަނަ އަހަރު ފިލިޕިންސް މެމްބަރު ކަމުން ވަކިވުމުގެ ކުރިން ހިންގާފައިވާ ޖަރީމާތައް ބެލުމުގެ އިމްތިޔާޒް އެ ކޯޓަށް ލިބިގެންވެއެވެ.
މި ލިޔުން ކިޔާލުމުން