ސޫރިޔާގައި ހިނގަމުން އަންނަ ހަމަ ނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެ މަސްރަހު ވަރަށް ބޮޑަށް ގޯސްވި ފަހުން، ސުލްހަޔާއި ހަމަ ޖެހުން އިސްކުރުމަށް އެ ގައުމުގެ ލީޑަރު އަހްމަދް އަލް ޝަރާ ގޮވާލައިފިއެެވެ.
މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރި ފަށުގައި އޮންނަ އަވަށްތައް ކަމަށްވާ ލާގިޒިއްޔާ އާއި ތަރުތޫސްގައި، ސޫރިޔާގެ އަސްކަރީ ބާރުތަކާއި ވެރިކަމުން ދުރު ކޮށްފައިވާ އަސަދު އަށް ވަފާތެރި ހަނގުރާމަ ވެރިންނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގައި އަލަވީންގެ ހާހެއްހާ މީހުން މަރާލަފައިވާ ކަމަށް ބޭރުގެ ހަބަރު ފަތުރާ މަސްދަރުތަކުން ބުނެއެވެ.
ބައިމަދު އަލަވީންނަކީ ބައްޝާރުލް އަސަދު އާއި އޭނާގެ އާއިލާ ނިސްބަތްވާ މަޒްހަބްގެ މީހުންނެއެވެ.އަސަދުގެ ވެރި ކަން ނިމުނު ހިސާބުން ފެށިގެން ދޭތެރެ ދޭތެރެއިން އަލަވީންގެ ހަމަލާތައް ވަނީ ސީރިޔާގެ ސަލާމަތީ ބާރު ތަކަށް އަމާޒު ވެފައެވެ.
ދިމިޝްގު ގެ މިސްކިތެއްގައި ވާހަކަ ދައްކަމުން އަލް ޝަރާ ވަނީ އެ ގައުމުގެ ކުޑަ ކުދިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ދުރޫސުލް އަހްލާގް އަށަގެންނެވުމަށް މަސައްކަތް ކޮށްދިނުމަށް ގައުމުގެ އެންމެހާ ފަރުދުންގެ ކިބައިން އެދޭ ކަމަށް ބުނެފައެވެ.ސުލްހައާއި މަސަލަސް ކަމަށް އޮތް އަލި މަގަކީ ދީނީ ލޯބި އިތުރު ކުރުން ކަމަށްވެސް ބުނެފައިވެއެވެ.
''އަަމުން އަމަން ކަމާއި ސުލްހަ މަސަލަސް ކަން އިސްކުރަން ޖެހޭ، މި އީ ހުރިހާ އެންމެންނަށް ހަމަ ޖެހިގެން ސުލްހަ ވެރިކަމާއި އެކު އުޅެވޭނެ ގައުމަކަށް ހަދަން ޖެހޭ'' ހުކުރު ނަމާދަށް ފަހު ދިން ތަގްރީރްގައި އަލް ޝަރާ ބުނެފައިވެއެވެ.
މި ދިޔަ ޑިސެމަބަރު މަހު އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު ސޫރިޔާގެ ވެރިކަމާއި ހަވާލުވި އަލް ޝަރާ ވަނީ ވަގުތުން ހަތިޔާރު ބެހެއްޓުމަށްފަހު އަމާން ނުދީފިނަމަ ގަދަފަދަ ހަމަލާ ދީގެން ވެސް ލާގިޒިއްޔާ އާއި ތަރުތޫސް ސޫރިޔާގެ އަސްކަރިއްޔާގެ ބާރުގެެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު އަލަވީންނަށް ދީފައެވެ.
''މީގެ ފަހުން މި ގައުމުގައި ހައްދެއް އުސޫލެއް ނެތި ހަތިޔާރު ގެންގުޅުމުގެ ހުއްދަ އެއް ނޯންނާނެ، ތި ހަމަލާ ދެނީ ސޫރިޔާގެ އެންމެހާ ރައްޔިތުންނަށް، ތި އީ މަައާފް ކުރެވޭނެ ކުށެއް ނޫން، ރައްދުގައި އަންނަ ހަމަލާތަކަށް ކެތް ނުކުރެވޭނެ" އަލަވީން ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ހަމަލާތަކަށް ގަދަފަދަ ރައްދު އަންނާނެ ކަމުގެ އިންޒާރު ދެމުން އަލް ޝަރާ ބުނެފައިވެެއެވެ.
މި ދިޔަ ބުރާސްފަތި ދުވަހު ސޫރިޔާގެ އަސްކަރިއްޔާ އިން ލާގިޒިއްޔާ އާއި ތަރުތޫސް އަށް ހަަމަލާތައް ދޭން ފެށި ފަހުން އަންހެނުންނާއި ކުޑަ ކުދިން ވެސް ހިމެނޭ ގޮތަށް ހާހަކަށް ވުރެ ގިނަ މީހުން މަރުވެ އިތުރު މީހުން ގެ ދޮރު ގެއްލި ބައި ބައި ވެފައި ވާ ކަމަށް ސޫރިޔާގެ އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ލަފާ ކުރެއެވެ.
ހަމަ ނުޖެހުން ތައް ބޮޑުވެ ހަަމަލާ ބަދަލު ކުރަން ފެށުމާއި އެކު ސޫރިޔާގެ ބައެއް ސަރަހައްދު ތަކުގައި ވަނީ މިހާރު ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.މި ގޮތުން ވެރި ރަށް ދިމިޝްގާއި 160 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ހޯމްސް އާއި އިދްލީބްގެ ބައެއް ހިސާބުތަކުގައި ވެސް ވަނީ ސަލާމަތީ ކަންތައް ވަރުގަދަ ކޮށް ކާފިއު އިއުލާން ކޮށްފައެވެ
މި ލިޔުން ކިޔާލުމުން