އުތުރު އަދި މެދުތެރޭ އެމެރިކާގެ ޗެމްޕިއަން ޓީމު ތަކުގެ މެދުގައި ކުޅެވޭ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ދެވަނަ ބުރަށް އިންޓަރ މައާމީ ދަތުރު ކޮށްފި އެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު 05:00 ޖެހި އިރު މައާމީގެ ޗޭސް ސްޓޭޑިޔަމްގައި ސްޕޯޓިންގ ކެންސަސް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު މައާމީ އިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެއެވެ.
ފުރަތަމަ ލެގްގައި ކެންސަސް ދަނޑުގައި 1-0 ގެ ނަތީޖާ އަކުން މޮޅުވެފައި އޮތުމުން މައާމީ ދެވަނަ ބުރަށް ދަތުރު ކުރީ 4-1 ގެ އެގްރިގެޓް ނަތީޖާ އިންނެއެވެ.މެޗުގެ 19 ވަނަ މިނިޓުގައި މައާމީ ގެ ފުރަތަމަ ގޯލް ޖަހައިދިނީ ލިޔޮނަލް މެސީ އެވެ.ސުއަރޭޒް ތަނަވަސް ކޮށް ދިން ފުރުސަތެއްގައި މެސީ މި ގޯލް ކާމިޔާބު ކޮށް ދިން އިރު، ފުރަތަމަ ލެގްގެ ހަމައެކަނި ގޯލް ވެސް ޖަހައި ދިނީ މެސީ އެވެ.މައާމީ ގެ ފަހު ދެ ގޯލް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފްގަ އެވެ.ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ދެވަަނަ ގޯލް ކާމިޔާބު ކޮށްދިނީ ޓަޑިޔޯ އެލަންޑް އެވެ.ފަހު ގޯލް 45 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ސުއަރޭޒް އެވެ.ކެންސަސް ސިޓީގެ ހަަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ 63 ވަނަ މިނިޓުގައި މީމޯ ރޮޑްރިގޭޒް އެވެ.
ދެވަނަ ބުރުގައި މާޗް މަހުގެ 6 ވަނަ ދުވަހު މައާމީ އިން ނިކުންނާނީ ޖެމައިކާގެ ޗެމްޕިއަން ކަވަލިއަރ އެފް.ސީ އާއި ދެކޮޅަށެއެވެ.
މި މުބާރާތުގެ ދެވަނަ ބުރަށް މައާމީ ދަތުރު ކޮށްފައި ވާއިރު، މި ދިޔަ އާދިއްތަ ދުވަހު އެމެރިކާ ލީގު މަައާމީ ފެށީ 2-2 ގެ ނަތީޖާ އަކުން ނިއުޔޯކް ސިޓީ އާއި އެއްވަރު ކޮށްގެންނެއެވެ.23 ވަނަ މިނިޓުގައި މައާމީގެ އަވިލާސް އަށް ދެއްކި ރަތް ކާޑާއި އެކަކު މަދު ކޮށް ކުޅުނު މެޗުގެ 2 ގޯލް ވެސް މައާމީ ކާމިޔާބު ކުރީ މެސީ ތަަނަވަސް ކޮށްދިން ފުރުސަތުުތަކުގަ އެވެ.ފުރަތަމަ ގޯލް 5 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އަވިލާސް އެވެ.އެއްވަރު ކުރި ގޯލް މެޗުގެ ފަހު މިނިޓުގައި ކާމިޔާބު ކޮށްދިނީ ސެގޯވިޔާ އެވެ.ނިއުޔޯކް ސިޓީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އިލެނިޗް އާއި އަލޮންސޯ މާޓިނެޒް އެވެ.
މައާމީ ދެން އެންމެ އަވަހަށް ލީގު ގައި މެޗެއް ކުޅޭނީ މާޗް 03 ވަނަ ދުވަހު އެވެ.ރާއްޖެ ގަޑިން ފަތިހު 05 ޖަހާއިރު ކުޅޭ މެޗްގައި އަމިއްލަ ދަނޑުގައި އެ ޓީމް ނުކުންނާނީ ހިއުސްޓަން ޑައިނަމޯ އާއި ދެކޮޅަށެއެވެ.
މި ލިޔުން ކިޔާލުމުން