ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގުމަށް ރާވާފައިވާ "މަގޭ ސޯލާ" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ފިއްލަދޫގައި ފައްޓަވައިދެއްވައިފިއެވެ.
މިއީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުމަށް އަމާޒުކޮށްގެން ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ޔުޓިލީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ. މީގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެއެވެ.
މިއަދު އިފްތިތާހް ކުރެވުނީ މި ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޯދިފައިވާ ސިސްޓަމުތައް އިންސްޓޯލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށް ކަމަށްވާއިރު، ޖުމުލަ 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، މި މިނިޒާމުތައް ޤާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުންނެވެ.
މި ޕުރޮގުރާމުގެ ދަށުން ގޭގެ ފުރާޅުގައި ސޯލާ ޕީވީ ޖަހައި ނެޓްމީޓަރިންގ އުސޫލުން ކަރަންޓު ބޭނުންކުރަން ފެށުމުން ގޭބިސީތަކުން މިހާރު ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިސާލަކަށް މަހަކު 500 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއަކުން 3 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމުކޮށްފިނަމަ ގާތްގަނޑަކަށް ކަރަންޓަށް ހޭދަކުރާ އެއްޗެއްގެ 80 އިންސައްތަ ކުޑަވެގެންދާނެއެވެ.
ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާންމު ފަރުދުންނަށް ދަތިކަމެކެވެ. މިއަދު ޢަމަލީގޮތުން ފައްޓަވައިދެއްވި ޕުރޮގުރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކައިގެން މި ނިޒާމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށެވެ.
މި ޕުރޮގުރާމު އިތުރަށް ފުޅާކޮށް، އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބީލަން ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މި ލިޔުން ކިޔާލުމުން