މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ޚިޔާނާތުގެ ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނީގެ ފަރާތްތަކާއެކު ހެދި އެއްބަސްވުންތައް ބާޠިލްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ…
— Dr Mohamed Muizzu (@MMuizzu) January 19, 2025
މިގޮތުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާ ގުޅިގެން މަރުޙަބާ ދަންނަވާ ކަމަށެވެ.
"ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން"، ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، ޕީޖީ އޮފީހުން ބުނީ އަދީބުގެ އިތުރު ތިން މީހެއްގެ އިމިއުނިޓީ އެއްބަސްވުންތައް ބާޠިލުކޮށްފައިވާ ކަމަށެވެ.
އަދީބުގެ އިތުރުން ދެން ހިމެނޭ މީހުންނަކީ މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާހު ޢަލީއާއި، މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފާއި، ގ. އޮއިވާލި، މުޙައްމަދު ޙުސައިނެވެ.
އެ މީހުންނާއެކު ދައުލަތުން އެއްބަސްވުން ހެދީ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ޕީޖީ އޮފީހުން ބުނީ އެ މަޤުޞަދާ އެއްގޮތަށް އެއްބަސްވުން ހަދާފައިވާ މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަޙުޤީޤީ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ މި އެއްބަސްވުންތައް ނިމުމަކަށް ގެންނަން ޕީޖީ ޢައްބާސް ޝަރީފް ނިންމެވީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މިގޮތަށް ނިންމުމާއެކު މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންގޮސް ވީހާވެސް އަވަހަށް އެ އޮފީހަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެކުރިން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ވަނީ، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއެކު ހެދި އިމިއުނިޓީ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މި ލިޔުން ކިޔާލުމުން