Friday, October 30
ހެކަރުން ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް ހެކްކޮށްގެން، 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގައިފިއެވެ. މިއީ ކްރިޕްޓޯކަރަންސީގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ވައްކަން ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން ބައިނޭންސްއިން ވަނީ ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައި، ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ފައިސާ ހިފަހައްޓައިފައެވެ. ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ނެގުމުގެ ޚިދުމަތް އަލުން ފެށޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ބައިނޭންސްއިން ކުރި ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، ހެކަރަކު ހުއްދަ ނެތް މުޢާމަލާތްތަކެއް ހިންގާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރެއްގެ ލެޕްޓޮޕަށް ވަދެގަނެގެންނެވެ.

ކުންފުނީގެ ކޯ-ސީއީއޯ ރިޗާޑް ތެންގް ކަށަވަރުކޮށްދެއްވި ގޮތުގައި، ކަސްޓަމަރުންގެ ފައިސާ ހުރީ ރައްކާތެރިކަމާއެކުގައެވެ. އަދި މި ޙާދިސާގެ ސަބަބުން ލިބުނު އެންމެހައި ގެއްލުންތައް ފޫބައްދައިދޭނީ އެއް ބިލިއަން ޑޮލަރުގެ ރިޒާވް ފަންޑާއި ކުންފުނީގެ އަމިއްލަ ފައިސާ ބޭނުންކޮށްގެންނެވެ.

ބްލޮކްޗެއިން އެނަލިސިސް ކުންފުނިތަކެއް ކަމަށްވާ ޓީއާރްއެމް ލެބްސް އާއި ޗެއިނަލިސިސްއިން ބުނެފައިވަނީ، އެންމެ 20 މިނެޓު ތެރޭގައި ހިންގި މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާގެ ހެކިން ޔުނިޓެއް ކަމަށްވާ "ޓްރޭޑާޓްރެއިޓާ" ހުރި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ތަހުގީގުކުރާ ފަރާތްތަކުން މި ގްރޫޕް ގުޅުވައިލަނީ ލަޒަރަސް ގްރޫޕާއެވެ. ނަމަވެސް އުތުރު ކޮރެއާއިން މިފަދަ ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން ތިން ބިލިއަން ޑޮލަރުގެ އެސެޓްތައް ވަނީ އެކި ކުންފުނިތަކާ ގުޅިގެން ފްރީޒްކޮށްފައެވެ. އެގޮތުން ޓެދާއިން 1.57 ބިލިއަން ޑޮލަރު، ސާކަލްއިން 800 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު އަދި ރިޕަލްއިން 200 މިލިއަން ޑޮލަރު ވަނީ ފްރީޒްކޮށްފައެވެ. ބާކީ ހުރި 3.3 ބިލިއަން ޑޮލަރަށް ވީގޮތެއް ބައިނޭންސްއިން އަދި ހާމައެއް ނުކުރެއެވެ.

މި ޚަބަރާއެކު ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އައިސް، ބިޓްކޮއިންގެ އަގު ގާތްގަނޑަކަށް ފަސް އިންސައްތަ ދަށަށް ގޮސް 76,368 ޑޮލަރަށް ވެއްޓިފައިވާއިރު، އީތާގެ އަގު 2,178 ޑޮލަރަށް އަދި ބައިނޭންސްގެ ބީއެންބީ ކޮއިންގެ އަގު 709.70 ޑޮލަރަށް ދަށަށް ގޮސްފައިވެއެވެ.

މީގެ ކުރިން ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު ކްރިޕްޓޯ ވައްކަމަކީ 2025 ވަނަ އަހަރު އުތުރު ކޮރެއާ ސަރުކާރުގެ އެއްބާރުލުން ލިބޭ ލަޒަރަސް ގްރޫޕުން ބައިބިޓް އެކްސްޗޭންޖުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ހާދިސާއެވެ.

335 މިލިއަން ކަސްޓަމަރުން ތިބި ބައިނޭންސްއަށް ދިން މި ހަމަލާގެ ސަބަބުން، ސެންޓްރަލައިޒްޑް އެކްސްޗޭންޖުތަކަށް އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު