ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ވިޔަފާރީގެ ޚާއްޞަ ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން، ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، އެ ޤައުމުގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރްއާ މަޝްވަރާކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ދަ ބިޒްނަސް ސްޓޭންޑަޑް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި މަޝްވަރާތައް ކުރިއަށްދިޔައީ ސަފީރު ޝިއުނީން، ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު "ބަންގާބަބާން" އަށް ވަޑައިގެން އިއްޔެ ރައީސަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ތަހުނިޔާއާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސަށް އަރިސްކުރައްވާފައެވެ.
ޑާކާގައި ދެ ޤައުމުގެ ދެމެދުގައި ބިޒްނަސް ސަމިޓެއް ބޭއްވުމަށް ރާއްޖެއިން ރާވަމުންދާކަން ސަފީރު ހާމަކުރެއްވުމުން، ބަންގްލަދޭޝްގެ ރައީސް ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ސަމިޓެއް ބޭއްވުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ހައިކޮމިޝަނުން އާންމުކޮށްފައިވާ ގޮތުގައި، ސަފީރު ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް ފުޅާކުރުން ހިމެނޭހެން، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކުގެ މަޢުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓް، ވަޒީފާގެ ފުރުޞަތުތައް، ފަތުރުވެރިކަން އަދި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް ބަންގްލަދޭޝްގެ ރައީސް ގޮވާލެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މީހުންގެ ޚިދުމަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މިހާރު ދެމުންގެންދާ ފުރުޞަތުތަކާއި ލުއިފަސޭހަތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ސާކް ޖަމްޢިއްޔާ އަލުން ހަރަކާތްތެރިކޮށް، ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމުގައި ދިވެހިރާއްޖޭގެ އެއްބާރުލުމާއި އިސް ދައުރަކަށް ބަންގްލަދޭޝްގެ ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް ރައީސްގެ މިލިޓަރީ ސެކްރެޓަރީއާއި، ޕްރެސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލަކު ބައިވެރިވެވަޑައިގެންނެވިއެވެ.






