ސައޫދީ އަރަބިއްޔާ ދިފާއުކުރުމަށްޓަކައި އަޅަންޖެހޭ އަސްކަރީ ފިޔަވަޅުތައް އެޅުމުގެ ހުއްދަ، މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީއަށް އެ ގައުމުގެ ޕާލިމެންޓް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން އިއްޔެ ދީފިއެވެ.
ޔަމަންގެ ހޫތީން ސައޫދީ އަރަބިއްޔާއަށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ސައޫދީ ހިމާޔަތްކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އަލްސީސީ ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރީ، ޕާލިމެންޓުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށް ޕާލިމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މަޖިލީހުގެ ރައީސް ހިޝާމް ބަދަވީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ވޯޓު ނެގީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ވަކިވަކި މެންބަރުންގެ ނަން ގޮވައިގެންނެވެ.
ޕާލިމެންޓުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހުއްދައިގެ ދަށުން ރިޔާޟްއާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ސަރަހައްދާއި، ސިޔާދަތާއި، މާތް ތަންތަން ބޭރުގެ ކޮންމެ އުދުވާނަކުން ދިފާއުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ބާރު ރައީސް އަލްސީސީއަށް ލިބިވަޑައިގަންނަވައެވެ. އެގޮތުން ސައޫދީ ދިފާއުކުރުމަށް މިސްރުގެ އަސްކަރީ ބާރުތައް ފޮނުވުމުގެ އިޚުތިޔާރުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
މި ނިންމުން ބިނާކޮށްފައިވަނީ އޮކްޓޫބަރު 18 ގައި މިސްރުގެ ނޭޝަނަލް ޑިފެންސް ކައުންސިލުން ފާސްކުރި ގަރާރެއްގެ މައްޗަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ދިފާއީ ބޭނުމަށްވެސް ގައުމުން ބޭރަށް ސިފައިންނާއި އަސްކަރީ ސާމާނު ފޮނުވުމަށް ގާނޫނުއަސާސީގެ ދަށުން ޕާލިމެންޓުގެ ރުހުން ބޭނުންވާ ކަމަށް މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލްއާތީ ވަނީ ވިދާޅުވެފައެވެ.
ފްރާންސް 24 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރުގެ އެހީތެރިކަން އޮންނާނީ ހަމައެކަނި ސައޫދީގެ ސަރަހައްދު ދިފާއުކުރުމަށް ކަމަށާއި، އޭގެ ތެރޭގައި ޔަމަނަށް ހަމަލާދިނުން ނުހިމެނޭ ކަމަށް ރައީސް އަލްސީސީ ވަނީ ވިދާޅުވެފައެވެ.
ޕާލިމެންޓުގެ މި ނިންމުމާ ގުޅިގެން ސައޫދީ އަރަބިއްޔާއިން ނުވަތަ ހޫތީންގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.






