އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބޭ އަދަދާ އެއްވަރަށް 95،125 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޝަރުޢީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ނިމިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު، އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާގެ މުސާރައެކެވެ.
މިއަދު ހެނދުނު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖަޢާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.
މަމްދޫހު ވިދާޅުވި ގޮތުގައި، އެ ހުށަހެޅުމުގެ ބޭނުމަކީ މުސާރަތަކަށް ގެނެވުނު ބަދަލުތަކާއެކު، މަޖިލީހުގެ ރައީސަށް ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ލިބޭނެ މަގުފަހިކުރުމެވެ. އެގޮތުން، އޭނާ ހުށަހެޅުއްވީ ޚާއްޞަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ.
އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ، ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ޖުމުލަ 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފައެވެ. ކޮމިޓީއަށް ހުށަހެޅުނު ގޮތުގައި، މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މެމްބަރުންނަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ކޮމިޓީގައި ބަޔާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. މެމްބަރުންނަށް ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވާ އިންސައްތައަށް ބަލައި 10،000 ރުފިޔާއާއި 20،000 ރުފިޔާގެ އެލަވަންސް ލިބެއެވެ. އެހެންކަމުން، މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށް ހުށަހެޅުނީއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ ވަޒީރުންގެ މުސާރައާއި އިނާޔަތްތަކަށް ވެސް މީގެ ކުރިން ބަދަލުގެނެސްފައެވެ. އެގޮތުން ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިންގ އެލަވަންސަށް 3،000 ރުފިޔާ ދިނުމަށް ކޮމިޓީން ނިންމިއެވެ. މީގެ އިތުރުން ކައުންސިލަރުންނާއި ކައުންސިލް ރައީސުންނާއި ނައިބު ރައީސުންނަށް 5،000 ރުފިޔާގެ އިތުރު އިނާޔަތެއް ދިނުމަށް ވެސް ކޮމިޓީން ފާސްކުރިއެވެ.
މި ބަދަލުތަކާ ގުޅިގެން ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާއިރު، އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިއްޔެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ޝަރުޠު ފުރިހަމަނުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އަނބުރާ ފޮނުވާލައްވާފައެވެ.






