Tuesday, October 27
ރެހެންދި އެވޯޑު 2027 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ "ރެހެންދި އެވޯޑު 2027" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ވުޒާރާއިން ވިދާޅުވި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އަންހެނުން އަދާކުރާ ދައުރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ބަލައިގަތުމަކީވެސް މި އެވޯޑު ދިނުމުގެ މުހިންމު ބޭނުމެކެވެ.

މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކަށް އަމިއްލައަށް ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން އެހެން ފަރާތަކުން ނަން ނޮމިނޭޓްކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން، އެ ކޮމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ކައުންސިލަށްވެސް ހުށަހެޅޭނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ނަން ހުށަހެޅޭނީ އެއް ދާއިރާއަކުންނެވެ.

ވަކިވަކި އަންހެނުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ނަން ހުށަހެޅޭ ދާއިރާތަކަކީ ލީޑަރޝިޕާއި ގަވަނަންސް، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް" އެވެ.

ލިޔެކިޔުންތަކާއި އިންޓަވިއުއާއި ކޮށްފައިހުރި މަސައްކަތްތަކަށް ބަލައި، އެވޯޑު ލިބޭ ފަރާތްތައް ނިންމާނީ ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީއިންނެވެ.

އެވޯޑުގެ ޝަރުޠުތައް ބަޔާންކޮށްފައިވާ އުޞޫލާއި އެޕްލިކޭޝަން ފޯމު، ވުޒާރާގެ ރަސްމީ ވެބްސައިޓް (www.health.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ ވުޒާރާގެ ކައުންޓަރުންނާއި، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުންވެސް ފޯމު ލިބެން ހުންނާނެއެވެ.

ފޯމު ހުށަހެޅޭނީ ވުޒާރާގެ އީމެއިލް މެދުވެރިކޮށެވެ. އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، ވުޒާރާގެ ކައުންޓަރަށްވެސް ފޯމު ހުށަހެޅޭނެއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމުލަ 77 ފަރާތަކަށް ރެހެންދި އެވޯޑު ވަނީ ލިބިފައެވެ. މީގެ ތެރޭގައި އަންހެނުންގެ އިތުރުން ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ވެސް ހިމެނެއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 13 އަހަރު ތެރޭގައި އެވޯޑު ދެމުން އަންނަ ދާއިރާތަކަށާއި އެވޯޑު ދިނުމުގެ އުޞޫލަށް ބަދަލުތައް ގެނެސްފައިވެއެވެ. މީގެ އިތުރުން، މި އަހަރުން ފެށިގެން މި އެވޯޑު ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ގޮތަށް ވެސް ވުޒާރާއިން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު