އާދިއްތަ, October 18
ފަރަންސޭސިވިލާތުގެ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، 1،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ތަޢުލީމީ ފެންވަރު ދަށްވަމުންދާތީ ފަރަންސޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް ވަރުގަދަ ހަމަނުޖެހުންތަކަކަށް ބަދަލުވެ، 1،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ އިންޓީރިއަރ މިނިސްޓަރު ލޮރެން ނުނޭޒް ހާމަކުރެއްވި ގޮތުގައި، ޤައުމުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 550،000 މީހުން ވަނީ ބައިވެރިވެފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 150 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ވެރިރަށް ޕެރިހުގައި ދުވާލުގެ ވަގުތުތަކުގައި މުޒާހަރާތައް ކުރިއަށްދިޔައީ ސުލްހަވެރިކަމާއެކުއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވުމާއެކު ހާލަތު ގޯސްވެ، ފުލުހުންނާއި އާންމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން މުޒާހަރާ ރޫޅައިލަން މަސައްކަތްކޮށްފައެވެ.

ބައެއް ސަރަހައްދުތަކުގައި ވެހިކަލްތަކާއި މަގުތަކުގައި އަލިފާން ރޯކޮށް، ފިހާރަތައް ލޫޓުވައި، ރެސްޓޯރެންޓެއްގައި ވެސް އަލިފާން ރޯކޮށްލާފައިވެއެވެ. ލިމޯޖްސްގެ ޓައުން ހޯލުގައި ރޯކޮށްލުމުގެ ސަބަބުން އެ އިމާރާތުގެ ފުރާޅުގެ ބައެއް ވަނީ ވެއްޓިފައެވެ. ލިޔޯންގެ ތާރީޚީ ޓޫރިސްޓް އޮފީހުގައި ވެސް ވަނީ ހުޅުޖަހާފައެވެ.

ފާއިތުވި ތިން ހަފުތާއެއްހާ ދުވަހު ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މުޒާހަރާތަކަށް، މިހާރު މަސައްކަތްތެރިންގެ ޔޫނިއަންތަކާއި 2018 ވަނަ އަހަރު މަޝްހޫރުވި "ޔެލޯ ވެސްޓް" ހަރަކާތުގެ ބައިވެރިންވެސް ވަނީ ތާއީދުކޮށް ބައިވެރިވާން ފަށާފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވިދާޅުވީ، ކަންކަން ހައްލުކުރުމުގައި ހަމަނުޖެހުމަށް އެއްވެސް ފުރުޞަތެއް ނެތް ކަމަށެވެ. އިމާރާތްތަކަށް ގެއްލުންދީ، ވިޔަފާރިތަކާއި ޓައުން ހޯލުތައް ލޫޓުވި ހުރިހާ ފަރާތްތަކަށް ގާނޫނީ ހައްގު އަދަބު ދެއްވާނެ ކަމަށްވެސް މެކްރޯން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު