އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް، ޔޫން ސުކް ޔެއޯލް ހައްޔަރުކުރުމުގެ އަމުރު ކޯޓަކުން ބާޠިލުކުރިތާ އެއް ދުވަސް ފަހުން އޭނާ ޖަލުން މިނިވަންކޮށްފިއެވެ.
މިގޮތުން ޔޫން ޖަލުން މިނިވަންވެގެން ނުކުތް މަންޒަރު ވަނީ ކޮރެއާގެ ޓީވީ ޗެނަލްތަކުން ހޮނިހިރު ދުވަހު ދައްކައިފައެވެ. އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، ޔޫންގެ މައްޗަށް ކުރެވޭ ޖިނާއީ އަދި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޝަރީޢަތް ކުރިއަށްދާނެއެވެ.
ޔޫންގެ ވަކީލުން ވިދާޅުވި ގޮތުގައި ކޯޓުގެ ނިންމުމުން ޔަޤީންވެގެންދަނީ އޭނާ ބަންދުކުރުމަކީ އިޖުރާއީ އަދި މާއްދީ ގޮތުންވެސް މައްސަލައެއްކަން ކަމަށާއި، ކޯޓުގެ ނިންމުމަކީ ޤާނޫނީ ވެރިކަން އަލުން ޤާއިމްކުރުމަށް ކުރާ ދަތުރެއްގެ ފެށުން ކަމަށެވެ.
ޔޫންގެ ވަކީލުންނާއި އޭނާގެ ރިޔާސީ އޮފީހުން ޑިސްޓްރިކްޓް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައި، ޔޫން އާ ދެކޮޅަށް މައްސަލަ ކުރިއަށްގެންދިޔައީ ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތި، ސިޔާސީ ބޭނުމެއްގައި ކަމުގައި ކޯޓުގެ ނިންމުމުން އެނގިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
ޔޫންގެ ވަކީލުން ވިދާޅުވީ ޔޫން ހައްޔަރުކުރުމުގެ އަމަުރު ކޯޓުން ބާޠިލުކުރި ނަމަވެސް، ދައުވާ ލިބޭ މީހާ ވަގުތުން މިނިވަން ނުވާ ކަމަށާއި، މިނިވަންވާނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓަރ މި މައްސަލަ އިސްތިއުނާފު ނުކޮށްފިނަމަ، ނުވަތަ އިސްތިއުނާފުކުރުމުގެ ޙައްޤު ދޫކޮށްލައިފި ކަމަށްވާނަމަ އެވެ.
ބަޣާވާތްކުރުމުގެ ތުހުމަތުގައި ޔޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭނާ ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުކުރުމުގެ ކޯޓު އަމުރު ބާޠިލުކުރުމަށް ޔޫންގެ ޓީމުން ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅީ މިދިޔަ ފެބުރުވަރީ މަހުގައެވެ.
މި ލިޔުން ކިޔާލުމުން