ފާއިތުވި 2024، ވަނަ އަހަރު ސެޕްޓެމްބަރ މަހު އިޒްރާއީލުން އަވަހާރަ ކޮށްލި ހިޒްބުالله ގެ ލީޑަރު ޝެއިހް ނަސްރުاللهގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ.
އެތައްހާސް ބަޔަކާއި އެކު ލުބުނާނުގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑުގައި ނަސްރުاللهގެ ޖަނާޒާ ބާއްވާފައި މި ވަނީ އޭނާ އަވަހާރަވިތާ ގާތް ގަނޑަކަށް 05 މަސް ދުވަސް ފަހުންނެއެވެ.ދަނޑު ބޭރު މަގުތަކުގައި ވެސް އެތައް ހާސް ބަޔަކު ހިތާމަ ކޮށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމަށް އެއްވިއެވެ.އަދި ނަސްރުاللهގެ ހަށިގަނޑު ގެންދިޔަ ކާރު ފަހަތުންވެސް އެތައް ހާސް ބަޔަކު ވަނީ ހިތާމަ ފާޅު ކުރަމުން އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވާ ހާއްސަ ޒިޔާރަތާއި ހަމައަށް ގޮސްފައެވެ.
ޖަނާޒާ ހިނގަމުން ދިޔަ ވަގުތުވެސް އިޒްރާއީލުން ވަނީ ބެއިރޫތުގެ އިރާއި ދެކުނުގެ ބައެއް ހިސާބު ތަކަށް ހަމަލާ ދީފައެވެ.އަދި އިޒްރާއީލްގެ ހަނގުރާމަ މަތީ ބޯޓުތައް، ޖަނާޒާ ހިނގަމުންދިޔަ ވަގުތު، އެ ސަރަހައްދުގެ ވަރަށް ތިރިން އުދުހުނު މަންޒަރުތައް ވެސް ވަނީ ހަބަރު ފަތުރާ ވަސީލަތްތަކުން ދައްކާފައެވެ.
ނަސްރުاللهގެ ޒިޔާރަތް ހުރި ހިސާބަށް ވުރެ ދުރު ހިސާބަކުން އެއްވުމުގެ ބައިވެރިންނާއި މުހާތަބު ކޮށް ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެ ޖަމާއަތުގެ އެންމެން މަރާލިޔަސް އިޒްރާއީލް އާއި ދެކޮޅަށް ކުރަމުންދާ ޖިހާދު ނިމުމަކަށް ނާންނާނެ ކަމަށް ބުނެފައެވެ.މި އެއްވުމުގައި ވަނީ ނަސްރުالله އަށް ފަހު ކުޑަ ދުވަސްކޮޅަކު ހިޒްބުاللهގެ ލީޑަރު ކަމުގައި ހުންނެވި ހާޝިމް ޝަފިއްދީންގެ ހަނދާން އާއި ޒިކްރާ ވެސް އާ ކޮށްފައެވެ.އިޒްރާއީލުން ނަސްރުاللهގެ ކޮއްކޮ ހާޝިމް ޝަފިއްދީން އަަވަހާރަ ކޮށްފައި ވަނީ މި ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހު އެވެ.
އެމެރިކާ އާއި އިޒްރޭލުން ލަފާކުރާ ގޮތުގައި ހިޒްބުاللهގައި 40،000 އަށްވުރެ ގިނަ ހަނގުރާމަ ވެރިން ތިބެއެވެ.އަދި އިރާނުގެ ފުރިހަމަ މަދަދާއި އެކު ހިންގާ އެ ޖަމާއަތުގައި 150،000 ރޮކެޓާއި މިސައިލް އަދި ޑްރޯން ފަދަ ހަތިޔާރުވެސް ހިމެނޭ ކަމަށް ލަފާކުރެެއެވެ.
ޝެއިހް ނަސްރުالله އަވަހާރަކޮށްލުމަކީ 1982 ވަނަ އަހަރު މިނިވަންކަމުގެ ދިފާއުގައި އުފެދުނު ޖަމާއަތް، ހިޒްބުالله އަށް ކުރިމަތިވި ވަރަށް ވެސް ބޮޑު ގެއްލުމެކެވެ.އުމުރުން 32 އަހަރުގައި 1996 ވަނަ އަހަރު އެ ޖަމާއަތުގެ ލީޑަރު ކަމަށް އިސްކުރެވުނު ނަސްރުالله ވެފައިވީ އިޒްރާއީލް އިން އެންމެ ބޮޑަށް ޖެހިލުންވި ހަނގުރާމަވެރިންގެ ތެރޭގައެވެ.އޭނާ އިސްވެ ހުރެ ވަނީ 22 އަހަރު ވަންދެން ލުބުނާނުގެ ދެކުނު ހިސާބުތަކަށް ވެރިވެގެން ތިބި އިޒްރާއީލް ސިފައިންނާއި ހަނގުރާމަ ކޮށް އެ ބިންތަކުން 2000 ވަނަ އަހަރު ފައްސާލާފައެވެ.މީގެ އިތުރުން 2006 ވަނަ އަހަރު ވެސް ވަނީ ނަސްރުﷲގެ އަމީރު ކަމުގައި އިޒްރާއީލް އަށް ގެއްލުން ބޮޑުވި ހަނގުރާމަ އެއް ކޮށްފައެވެ.
ހިޒްބުاللهގެ މިހާރުގެ ލީޑަރަކީ ނައީމް ގާސިމް އެވެ.ނަސްރުﷲގެ އެެންމެ އަރިސް މީހުންގެ ތެރެއިންވެސް ފާހަނގަ ކޮށްލެވޭ ނައީމް އުޅުއްވަނީ ވަރަށް ބޮޑަށް އާއްމު އެއްވުން ތަކާއި އަދި މީޑިޔާ އާއި ވެސް ދުރުގައެވެ.މި އަދުގެ ޖަނާޒާގައި ވެސް އޭނާ އެއްވުމުގެ ބައިވެރިންނާއި މުހާތަބު ކޮށްފައި ވަނީ ކޮންތަނެއް ކަން ނޭނގޭ ހިސާބެއްގައި ހުރެ މައިކްރޯ ފޯނެއްގެ ޒަރީޔާ އިންނެއެވެ.
މި ލިޔުން ކިޔާލުމުން