ޓްރަމްޕްގެ ''ޣައްޒާ ޕްލޭން" އާއި ގުޅޭ ގޮތުންނާއި އެ ޕްލޭން އާއި ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން އަރަބި ގައުމުތަކުގެ ވެރިން މަޝްވަރާ ކޮށްފި އެވެ.
ހުކުރު ދުވަހު ސައުދީ އަރަބިޔާގެ ވެރިރަށް ޖިއްދާގައި ބޭއްވި މި ބައްދަލުވުމުގައި އަރަބި 07 ގައުމެއްގެ އެންމެ އިސް ވެރިން ބައިވެރި ވިއެވެ.
ބައްދަލުވުމުގައި ބައިވެރި ވެފައި ވަނީ މިސްރު،އުރުދުން،ގަތަރު،އެކުވެރި އަރަބި އިމާރާތް،ކުވައިތް އަދި ސައުދީ އަރަބިޔާގެ އެންމެ އިސްވެރިންނެއެވެ.މި ބައްދަލު ވުމުގައި ގައުމު ތަކުގެ ވެރިން ވަނީ ޓްރަމްޕްގެ ޕްލޭން އާއި ފާޅުގައި ދެކޮޅު ހަދާ ކަމަށް ބުނެފައެވެ.އަދި މި ކަމުގެ ސަބަބުން ފަލަސްތީންގެ މިނިވަންކަމަށް ކުރާ މަސައްކަތަށް ހުރަސް އެޅި މުޅި ސަރަހައްދުގައި ބަދަލު ހިފުމުގެ ހުޅު ފަޅައިގެން ދާނެ ކަމަށް ބުނެފައިވެެއެވެ.
ސައުދީ ވަލީއަހުދު މުހުއްމަދު ބިން ސަލްމާން ގެ ދައުވަތަކަށް ބޭއްވި، މި ބައްދަލު ވުމުގައި ވަނީ މާޗް 04 ވަނަ ދުވަހު މިސްރުގެ ގާހިރާ ގައި ފަށާ އަރަބި ލީގުގެ ބައްދަލުވުމުގައި މި ޕްލޭން އަށް އެހެން އިތުރު ހައްލެއް ހުށަހެޅުމަށް ނިންމާފައެވެ.
ބައްދަލުވުމާއި ގުޅޭ މާ ގިނަ ތަފްސީލްތަކެއް އެއްވެސް ގައުމަކުން ހާމަ ކޮށްފައި ނުވާއިރު، ބައްދަލު ވުން ފެށީ ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް އާއި ގުޅޭ ގޮތުން މިސްރުން ހުށަހެޅި ހުށަހެޅުމަކުންނެއެވެ.މި ހުށަހެޅުމުގައި މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ވާ ގޮތަށް މަޑު ނުޖެހި ކުރިޔަށް ދެވޭނެ މަގު ޗާޓް ވެސް ހިމެނެއެވެ.
"މި އީ ފަލަސްތީން އާއި އަރަބިގައުމު ތަކަށް ވަރަށް މުހިއްމު އަދި ހައްސާސް ދަނޑިވަޅެއްގަ ބޭއްވުނު ބައްދަލުވުމެއް" މިސްރުގެ ކުރީގެ ހާރިޖީ ވަޒީރު ހުސައިން ހަރީދީ ބައްދަލުވުމާއި ގުޅޭ ގޮތުން އަލް ޖަޒީރާ އާއި ހަވާލާދީ ބުންޏެއެވެ.
''ހަނދާނަށް އަންނަނީ އިނގިރޭސި ވިލާތުގެ ޅެންވެރިޔާ ޝޭކްސްޕިއަރ ބުނެފައިވާ ޅެން ބައިތެއް، އެ އީ ވުން ނުވަތަ ނުވުން، އަރަބި ދުނިޔެ އަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތަކީ އެއީ" ހަރީދީ އިތުރަށް ބުނި ގޮތުގައި ޓްރަމްޕް ގެ ޕްލޭން އަށް އަމަލީ ސިފަ އަތުވެއްޖެ ނަމަ އެ އީ 07 ގަރުނު ވަންްދެން ފަލަސްތީން ދެމި އޮތުމަށް ކުރަމުން އަންނަ މަސައްކަތަށް ނިމުން އަންނާނެ ދުވަސް ކަމަށެއެވެ.
16 މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ޣައްޒާ ހަނގުރާމަތެރޭގައި ލޮނު މަޑުކޮށް ފެނުނު އަރަބި ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުން ގިނަވެ، މި މައްސަލަ އަށް ދޭ ސަމާލުކަން އިތުރު ވީ ޣައްޒާގެ ރައްޔިތުން ވަޒަންވެރި ކުރުވާނީ އަވަށްޓެރި އަރަބި ގައުމު ތަކުގައި ކަމަށް ޓްރަމްޕް ބުނުމާއި ގުޅިގެން ކަން ފާހަނގަ ކޮށްލަން ޖެހެއެވެ.
މި ލިޔުން ކިޔާލުމުން