ސްރީ ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރެއް ކަމަށްވާ ގަނެމުއްލާ ސަންޖީވާ އެ ގައުމުގެ ކޯޓެއްގެ ތެރޭ ބަޑި ޖަހައި މިއަދު މަރާލައިފިއެވެ.
ސަންޖީވާ މަރާލީ ކޮޅުނބުގެ ކޯޓެއްގެ ތެރޭ މިއަދު ހެނދުނު އެެވެ.މި ހަމަލާ ދިނީ ލޯޔަރެއް ކަމަށް ހެދިގެން ކޯޓު ތެރެޔަށް ވަން އަންހެނެއްގެ އެހީ އާއި އެކު ކަަމަށް އެ ގައުމުގެ ހަބަރު ފަތުރާ މަސްދަރުތަކުން ބުނެއެވެ.
އެ ގައުމުގެ ފުލުހުން ބުނި ގޮތުގައި އަންހެންމީހާ ކޯޓު ތެރެޔަށް ބަޑި ވައްދާފައި ވަނީ ގާނޫން އަސާސީ، ހަތިޔާރު ފިޓްވާ ގޮތަށް ކަނޑާ ނަގައި އޭގެ ތެރެޔަށް ބަޑި ލައިގެންނެއެވެ.އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް ކޮޅުނބުގެ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެއެވެ.
ހަަމަލާގެ ދިން މީހާ އާއި އޭނާ އަށް އެހީތެރި ވެ ދިން އަންހެންމީހާ ހާދިސާ ހިނގި ތަނުން އެ ވަގުތު ފިލި ނަމަވެސް އެއީ ކޮންބަޔެއްކަން ދެނެގަނެވި އެ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވާ ކަމަށްވެސް ހަބަރު ފަތުރާ މަސްދަރުތަކުން މައުލޫމާތު ދެއެވެ.
''ހަމަލާ ދިން ހަތިޔާރު އަހަރެމެން ހޯދައިފިން، އަދި ހަމަލާ ދިން މީހާވެސް ދެނެ ގަނެވިއްޖެ، ހަމަލާ ދިނީ ސުނިލް ވަޓަގަލަ ނަމަކަށް ކިޔާ މީހެއް، އެއީ ކާކު ކަން ދެނެގަނެވި އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް"
ސްރީ ލަންކާ ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުންޏެއެވެ.
ސްރީ ލަންކާގެ އެންމެ ނުރައްކާތެރި ކުއްވެރިންގެ ތެރޭގައި ހިމެނޭ ގަނެމުއްލާ ހައްޔަރު ކޮށްފައިވަނީ 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ނޭޕާލް އިން އެނބުރި ގައުމަށް އައިތަނުންނެއެވެ.އޭނާގެ މައްޗަށް 19 މީހެއްގެ މަރުގެ ތުހުމަތު ކުރެވޭ އިރު އެ ގައުމަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި މީހުން ރަހީނު ކުރުމުގެ ތުހުމަތު ވެސް ކުރެވެއެވެ.
22 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ސްރީ ލަންކާގައި މީގެ ކުރިންވެސް ނުރައްކާތެރި ކުއްވެރިން ކޯޓުތެރޭ މަރާލައިފައިވެއެވެ.އޭގެ ތެރޭގައި 2023 ވަނަ އަހަރު ލޯޔަރެއް ކަމަށް ހެދިގެން އުޅުނު މީހަކު ކޯޓުތެރޭގައި ނުރައްކާތެރި ކުއްވެރިއެއް ކަމަށްވާ ސަންޖޭޝް މަހޭޝްވަރީ މަރާލި ހާދިސާ ފާހަނގަ ކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން