ފަލަސްތިނުގެ ޣައްޒާ އިން އެތަނުގެ ރަށްވެހިން ގަދަކަމުން ހުސްކުރުމަށް ފަހު, އެމެރިކާ ބޭނުންވާ ފަދަ ''މެދުއިރުމަތީގެ ޗުއްޓިީ މަންޒިލަކަށް'' ޣައްޒާ ބަދަލު ކުރާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ރައީސް ކަމުގެ ހުވާ ޖަނަވަރީ 20 ވަނަ ދުވަހު ކުރި ޓްރަމްޕް ބޭނުންވަނީ ހަނގުރާމައިގެ ސަބަބުން ސުއްނާފަތިވެފައިވާ ޣައްޒާގެ ރައްޔިތުން އެތަނުން ގަދަބާރުން ބޭލުމަށެވެ.
މިގޮތަށް ބާލާ ޣައްޒާ ރައްޔިތުން ޢުރުދުން، މިސްރު އަދި ސީރިޔާ ފަދަ ގައުމު ތަކުގައި ވަޒަންވެރި ކުރުވުމަށް ޓްރަމްޕް ވަނީ ނިންމާފައެވެ. މިގޮތަށް މިކަން ކުރުމަށް ޓްރަމްޕް ބޭނުންވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް ކަމަށް އޭނާގެ އެންމެ އަރިސް މީހުންނާއި ހަވާލާދީ ހަބަރު ފަތުރާ މަސްދަރު ތަކުން ވަނީ ބުނެފައެވެ.
ޓްރަމްޕްގެ މި ވާހަކަތައް ކުއްވެރިކޮށް ޣައްޒާގެ ރައްޔިތުން އެ ތަނުން ބޭލުމާ ދެކޮޅު ކަމަށް މިސްރާއި ޢުރުދުން އަދި ސައުދީ އަރަބިޔާ އިން ވަނީ ބުނެފައެވެ. މި ގައުމުތަކަކީ މެދު އިރުމަތީގަ ތިބި އެމެރިކާގެ އެންމެ އަރިސް ގައުމުތަކެވެ.
''މި ވަގުތު އެއީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސް، އެކަމަކު ދައްކާ ވާހަކަތަކުގެ ޒިންމާ ނަގާ އެކަމުގެ ހައްގު އަގު އަދާ ކުރަން ޖެހޭނެ'' ބީ.ބީ.ސީ އާއި ވާހަކަ ދައްކަމުން ޢުރުދުންގެ ކުރީގެ ޙާރިޖީ ވަޒީރު ޖަވާދް އަލް އަނާނީ ބުންޏެއެވެ.
"މެދު އިރުމަތީގަ ތިބި އެމެރިކާގެ ރަހުމަތްތެރި ގައުމު ތަކަށް އިހްތިރާމް ނުކޮށް މި ގޮތަށް އަމަލު ކޮށްފިނަމަ ދެން އެމެރިކާގެ ރަހުމަތްތެރިންގެ ގޮތުގަ މެދު އިރުމަތިގަ ތިބޭނީ ކޮން ބަޔެއް؟ އެމެރިކާގެ ކޮންމެ ނިންމުމަކަށް އަހަރެމެން ދީލާލާންވީތަ؟'' އަނާނީ އިތުރަށް ސުވާލު އުފެއްދިއެވެ.
ޓްަރަމްޕްގެ އިންޒާރުތަކަށް އިޖާބަ ނުދީ، ކޮންމެ ހާލަތެއް އަޔަސް ޣައްޒާ ދޫކޮށް ނުދާނެ ކަމަށް ބުނެ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ޣައްޒާ ގެ ދެކުނަށް ހިޖުރަކުރި 2.2 މިލިއަން މީހުން ވަނީ އެނބުރި އެމީހުންގެ ގެދޮރަށް އަންނަން ފަށާފައެވެ.
ފަލަސްތީން ސަރުކާރާއި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުންވެސް ވަނީ ޓްރަމްޕް ގެ ވާހަކަތައް ކުއްވެރިކޮށް އަަރަބި ގައުމުތަކުގެ ބައްދަލުވުމެއް އަވަހަށް ބޭއްވުމަށް ގޮވާލާފައެވެ.
ޣައްޒާގައި ޓްރަމްޕް ގެ ނިންމުމާއި ދެކޮޅަށް އެއްވުންތައް ބާއްވަމުން ދާއިރު ސައުދީ އަރަބިޔާ އިންވެސް ވަނީ މި ނިންމުމާއި ދެކޮޅަށް ބަޔާނެއް ނެރެފައެވެ.
''ފަލަސްތީންގެ މިނިވަން ދައުލަތެއް އޮތުމާ ބެހޭ ގޮތުން ސައުދީ އަރަބިޔާ އިން ދަމަހައްޓަމުން އައި ސިޔާސަތަށް ބަދަލެއް ނާދޭ، ޕަލަސްތީންގެ މިނިވަން ދައުލަތެއް އުފެދިގެންދާ އިރު ، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރި ރަށް ކަމުގައި ބަލައިގަތުން ނޫން ގޮތަަކަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިޒްރާއީލް އާއި އެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވޭ ' ސޯޝަލް މީޑިޔާ ގެ ވަސީލަތެއް ކަމަށްވާ އެކްސްގައި ނެރުނު ބަޔާނެއްގައި ސައުދީ ޙާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.
ޣައްޒާގައި މިހާރު އޮތް ހާލަތު ބަދަލުވެ ''ހަނގުރާމަ ހުއްޓާލުމުގެ އެެއްބަސްވުން'' ނިމުމަކަށް އައުމާއެކު އިޒްރާއީލުން ޣައްޒާ އެމެރިކާއާއި ހަވާލު ކުރާނެ ކަމަށް ޓްރަމްޕް ބުނާ ބުނުން އ.ދ އާއި ގަތަރު އަދި މިސްރުންވެސް ވަނީ ކުއްވެރި ކޮށްފައެވެ. އަދި މިއީ ނަސްލެއް ނައްތާލުމަށް، ހިންގާ ޖަރީމާއެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވާހަކަ ވަރަށް ބޮޑަށް ކުއްވެރި ކޮށްފައިވެ އެވެ.
އެހެން ނަމަވެސް ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން އިންސާނިއްޔަތާއި ހިލާފް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ސާބިތުވެ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އޭނާގެ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ޓްރަމްޕްގެ މި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ.
މި ޙައްސާސް މައްސަލަޔާ ގުޅިގެން މެދު އިރުމަތީގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުންވަނީ ޣައްޒާއިން ރައްޔިތުން ބޭލުމަށް ތައްޔާރުވެ ތިބުމަށް އެ ގައުމުގެ އަސްކަރިއްޔާއަށް އަންގާފައެވެ.
އެމެރިކާގައި ވެސް ޓްރަމްޕްގެ މި ނިންނުމުމާ ދެކޮޅު އަޑުތައް ގަދަވާން ފަށާފައިވާއިރު ހިއުސްޓަން އަށް ނިސްބަތްވާ ޑިމޮކްރެޓުންގެ ސެނެޓަރ އަލް ގްރީން ވަނީ ޓްރަމްޕް މަގާމަށް ކުފޫ ހަމަ ނުވާކަމަަށާއި އިތުބާރު ނެއްކަމުގެ މައްސަލަ ކޮންގްރެސް އަށް ވައްދާނެ ކަމަށް ބުނެފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ނިކަން އަޜާބަލަ! ހޭއަރުވާލާނަން….
މި ލިޔުން ކިޔާލުމުން