Saturday, October 31
އިޒްރޭލާއި ހަމާސްއިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް

ފަލަސްތީނުގެ ޣައްޒާގައި ކުރެވެމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު އާދެވިއްޖެ އެވެ.

މި އެއްބަސްވުމަށް ޢަމަލުކުރަން ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ހަފްތާގެ އާދިއްތަ, (19 ޖަނަވަރީ) ދުވަހުން ފެށިގެންނެވެ. މި ޚަބަރާއި ގުޅިގެން ފަލަސްޠީނުގައި ދަނީ އުފާފާޅުކުރަމުންނެވެ. އަދި ގިނަ ޤައުމުތަކުން ދަނީ ފަލަސްޠީނަށް މި ލިބުނު ކާމިޔާބަށް މަރުހަބާ ކިޔަމުންނެވެ.

ނަމަވެސް، އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މި އެއްބަސްވުން އިޢުލާންކުރި ފަހުންވެސް ފަލަސްޠީނުގެ 30 މީހަކު ވަނީ ހަމަލާތަކުގައި ޝަހީދުކޮށްފަ އެވެ.

ހަމާސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޤަޠަރުގެ ވެރިރަށް ދޯހާގައި ވެވުނު މި އެއްބަސްވުމުގައި ފަލަސްޠީނުން އެދިފައިވާ ހުރިހާ ޝަރުޠުތަކެއް ހިމެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިސްރާއީލުގެ ބާރުތައް ފުރިހަމައަށް އަނބުރާ ގެންދިއުމާއި، ފަލަސްޠީނުގެ ގެދޮރު ދޫކޮށްފައި ދިޔަ މީހުން އެނބުރި އެ މީހުންގެ ގެތަކަށް ގެނައުމާއި އަދި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުން ހިމެނެ އެވެ.

މި އެއްބަސްވުމަށް އަމަލުކުރުމަށް ހަމަޖެހިފައި ވަނީ ތިން މަރުހަލާއަކަށް ބަހާލެވިގެންނެވެ.

ފުރަތަމަ މަރުހަލާގައި ހިމެނިފައި ވަނީ, ހަމާސްއިން ހިފަހައްޓާފައިވާ އަންހެނުންނާއި، މުސްކުޅިންނާއި، ބަލިމީހުން ހިމެނޭ ގޮތަށް 33 ރަހީނުން ދޫކޮށްލުމަށާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލު ބަންދުގައި ތިބި ފަލަސްތީނުގެ 100 މީހުން ދޫކޮށްލުމަށެވެ.

މި މަރުޙަލާގައި، އިސްރާއީލުގެ ސިފައިން ޣައްޒާގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ފަހަތަށް ޖެހޭނެ އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ޣައްޒާގައި އެމީހުންގެ އަވަށްތަކަށް އެނބުރި އައުމުގެ ހުއްދަ ވެސް ލިބިދެވޭނެ އެވެ.

މީގެ އިތުރުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތްތައް އިތުރުކުރެވި، ކޮންމެ ދުވަހަކު ސަތޭކައެއްހާ އެހީގެ ލޮރީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ދެވަނަ އަދި ތިންވަނަ މަރުޙަލާގެ  ތަފްސީލީ މަޝްވަރާތައް ފެށޭނީ ހަނގުރާމަ ހުއްޓާލެވޭތާ 16 ދުވަސް ފަހުންނެވެ.

ދެވަނަ މަރުހަލާގައި މައިގަނޑުގޮތެއްގައި ނިންމުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ އެކީ ހުއްޓާލުމުގެ އެއްބަސްވުމެވެ. އަދި ތިން ވަނަ މަރުހަލާގައި ހިމެނޭނީ ޢައްޒާ އާރާސްތުކޮށް މިނިވަން ބައެއްގޮތުގައި ބަލައިގަތުމުގެ މަސައްކަތްތަކެވެ. މިކަމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް ބެލެވެއެވެ.

7 އޮކްޓޯބަރު, 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްޠީނުން ޝަހީދުވެ، 110،265 މީހުން ވަނީ އެކިވަރުގެ އަނިޔާ ލިބި ޒަޚަމްވެފަ އެވެ. އެދުވަހު ހަމާސްއިން އިސްވެ އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،139 މީހުން މަރުވެ, 200 އަށްވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު