ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި އިންޑިއާގެ ރައްޔިތަކު 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، ލަލްތުލަންޕަރި ކިޔާ އިންޑިއާގެ ރައްޔިތެއްގެ މައްޗަށެވެ.
މައްސަލައިގައިވާ ގޮތުން، އޭނާ ރާއްޖެ އައީ 12 އޭޕްރީލް 2023 ވަނަ ދުވަހު، ދުބާއީ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެމިރޭޓްސް އެއާލައިންގެ ފްލައިޓަކުންނެވެ. އޭނާގެ ލަގެޖު ބަލައިފާސްކުރަންޖެހޭ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިންޓެލިޖެންސުން މަޢުލޫމާތު ދިނުމާ ގުޅިގެން، ކަސްޓަމްސް އޮފިސަރުން ވަނީ އޭނާ ގެނައި ޓްރޮލީ ބޭގު ބަލައިފާސްކޮށްފައެވެ.
އެ ބަލައިފާސްކުރުމުގެ ތެރޭގައި ޓްރޮލީ ބޭގުގެ ތެރޭގައި އޮތް ހޭންޑްބޭގެއްގެ ފޮތިކޮޅު ފަހާފައިވާ ކަމަށް ފާހަގަކުރެވިގެން، އެ ތަން ކަފާލައިގެން ބެލިއިރު ހޭންޑްބޭގުގެ ދެ އަރިމަތިން ޓޭޕްކޮށްފައި ހުރި ރަބަރު ޕެކެޓުތަކުން ކޮކޭން އާއި ޑައިމޯފިން ފެނިފައިވެއެވެ.
އަދި ޓްރޮލީ ބޭގުގައި ކޮންސީލްމަންޓެއް ހަދާފައިވާ ކަމަށް ޝައްކުކުރެވިގެން، ބޭގުގެ އިސްކުރުތައް ނައްޓައި ކޮންސީލްމަންޓް ނަގައި ބެލިއިރު، ބޭގުގެ މަތީފުށުން ވެސް ޑައިމޯފިން ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ ކޯޓުގައި ކުރިއަށްދަނިކޮށް، އޭނާ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމަށް ބަލައި ކުރި ޙުކުމުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 50،000 ރުފިޔާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭނެއެވެ.






