Saturday, October 31
އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިމި، މި ހަފުތާ ނިމުމުގެ ކުރިން ހުޅުވާލަނީ

އަމީނީ މަގު އަލުން މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް 3 ގެ މަސައްކަތްތައް އެއްކޮށް ނިމި، މި ހަފުތާ ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމެންޓް 3 ގައި ކުރަންޖެހޭ ރޯޑް މާކިންގެ މަސައްކަތްތަކާއި ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ސެގްމެންޓް 3 އަކީ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށް އޮތް ބައެވެ.

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މަގުގެ މަސައްކަތްތައް އެކި ސެގްމެންޓްތަކަށް ބަހާލައިގެން ޢަމަލީ ގޮތުން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ސެގްމެންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. ސެގްމެންޓް 2 އަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމުގެ މަސައްކަތެވެ. މި ދެ ސެގްމެންޓުގައި ތާރުއަޅައި، މިހާރު ވަނީ އާންމުންގެ ދަތުރުފަތުރަށް ހުޅުވާލާފައެވެ.

މަޝްރޫޢުގެ ހަތަރު ވަނަ ސެގްމެންޓަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދެވެ.

އެމްޓީސީސީން އަމީނީ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ ސަރުކާރުން އެ މަގުގައި ތާރުއަޅައި ބޭނުންކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ، މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވެފައިވާތީއެވެ. އަމީނީ މަގަކީ ވިއްސާރަ މޫސުމުގައި ފެންބޮޑުވެ، ހިނގާބިނގާ އުޅޭ މީހުންނާއި ދުއްވާ އެއްޗެހިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އައި މަގަކަށް ވާތީ، މި މަޝްރޫޢު ނިމުމުން އެ ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު