މަޝްހޫރު އިނގިރޭސި ލަވަކިއުންތެރިޔާ ދުއާ ލިޕާ މުމްބާއީގައި ދިން ޝޯއެއްގައި ހުށަހެޅި ލަވައެއްގެ ތެރެއިން، ބޮލީވުޑުގެ ރަސްގެފާނު ކަމަށް ގިނަ މީހުން ގަބޫލުކުރާ ޝާހުރުކްހާންގެ ލަވައެއް ޖަހައިފި އެވެ.
ހުދު ހެދުމެއްގައި ހުރެ މި ޝޯގައި ދުއާގެ މަޝްހޫރު ލަވަ "ލެވިޓޭޓިން" ޕާފޯމްކުރަމުން، އެ ލަވަޔާ އެކު ޖަހައިދިނީ ޝާހުރުކްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ބާދުޝާހްގެ" ލަވަ "ވޯ ލަޑްކީ ޖޯ" އެވެ.
ދުއާ ޖަހައިދިން ލަވަޔަކީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗަރަޔާގެ އަޑުން ކިޔާފައިވާ ލަވައެކެވެ.
މި ޝޯ މުމްބާއީގައި ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ، ދުއާގެ ވޯލްޑް ޓުއާ "ރެޑިކަލް އޮޕްޓިމިޒަމް"ގެ ދަށުންނެވެ. މި ޝޯއަށް އެތައް ސަތޭކަ ސަޕޯޓަރުންނެއް އެއްވެފައިވެއެވެ. މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ޝޯގައި ބައިވެރިވިއިރު، އޭގެ ތެރޭގައި ރާދިކާ މާޗެންޓް، ރަންވީރު ޝޯރީ، ނަމްރަތާ ޝިރޯޑްކާރު، އަދި ސިތާރާ ގައްޓަމަނޭނީ ހިމެނެ އެވެ.
"ލެވިޓޭޓިން" އާއި "ވޯ ލަޑްކީ ޖޯ"ގެ މެޝްއަޕް ސައުންޑެއް ހަދައި، ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ބޭނުންކުރެ އެވެ. އެ ސައުންޑް ބޭނުންކޮށްގެން ޓިކްޓޮކާއި އިންސްޓަގްރާމް ރީލްސްތައް ވެސް ވަރަށް ގިނައިން ހަދައިފައި ހުރެ އެވެ. އެހެންވެ، އެ އަޑުކޮޅު، ދުއާގެ ޝޯގައި ޖެހުމުން ފޭނުން ވަނީ "މޮޔަކޮށްލައިފަ،" އެވެ.
ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް ވަނީ މި ހުށަހެޅުމަށް ތައުރީފުކޮށް، ޝޯގެ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރިޕޯސްޓް ކޮށްފައެވެ.
މި ހުށަހެޅުމަށް ދުނިޔޭގެ ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ މީހުން ދަނީ ތައުރީފު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން