އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު 10-0 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ނިއު ރޭޑިއަންޓް ކުރީގައި އޮތީ 4-0 އިންނެވެ. ދެވަނަ ހާފުގައި އެ ޓީމުން އިތުރު ހަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓްގެ ކުޅުންތެރިއަކު ހެޓްރިކެއް ވެސް ހަދާފައިވެއެވެ.
ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފައިވަނީ 15-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މޮޅާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ހަތަރު މެޗުން ވެސް ބަލިވެފައިވާ ދަ ގްރާންޑޭ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.
ލީގުގައި ނިއު ރޭޑިއަންޓަށް ބާކީ އޮތީ ދެ މެޗެވެ. އެއީ މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
15 ނޮވެމްބަރުން ފެށިގެން 3 ޑިސެމްބަރާ ހަމައަށް ކުރިއަށްދާ މި ލީގުގައި މިއަހަރު ވާދަކުރަނީ ހަތަރު ޓީމެވެ. ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގައި ކޮންމެ ޓީމަކުން އަނެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅެއެވެ.






