އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗާ ގުޅޭ މައްސަލައިގައި، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އިން ސެނެގާލުގެ ފަރާތަށް ނިންމައި، މުބާރާތުގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކަނޑައަޅައިފިއެވެ.
ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބަޓްގައި ކުޅުނު ފައިނަލުގައި ސެނެގާލް ވާދަކުރީ މޮރޮކޯއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ނަތީޖާ އޮތީ 0-0 އިން އެއްވަރުވެފައެވެ. އަދި އިތުރު ވަގުތުގައި ޖެހި ލަނޑުން ސެނެގާލް ވަނީ 1-0 އިން މޮޅުވެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، ސެނެގާލުގެ ކުޅުންތެރިން ދަނޑުން ބޭރަށް ގޮސް، މެޗު މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް ފަހުން ކުޅުންތެރިން އެނބުރި ދަނޑަށް ނުކުތުމުން މެޗުގެ ބާކީ ބައި ފުރިހަމަކުރިއެވެ.
އެއަށްފަހު މޮރޮކޯއިން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެފްރިކާގެ ފުޓްބޯޅައިގެ ވެރި އިދާރާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލުން ނިންމީ ސެނެގާލުން މެޗު ދޫކޮށްލި ކަމަށާއި، މެޗުން 3-0 އިން މޮރޮކޯ މޮޅުވި ކަމަށް ކަނޑައަޅައި، ޗެމްޕިއަންކަން މޮރޮކޯއަށް ދިނުމަށެވެ.
ސެނެގާލުން އެ ނިންމުމާ މެދު ކާސްއަށް އިސްތިއުނާފުކުރުމުން، މައްސަލަ ބެލުމަށްފަހު ކާސްއިން ކަނޑައަޅާފައިވަނީ މެޗުގައި އެންމެ ފަހުގެ ނިންމުމަކީ ރެފްރީގެ ނިންމުން ކަމަށާއި، ރެފްރީ އެ ނިންމުން ނިންމީ އުޞޫލުން ބޭރުނުވެ ކަމަށެވެ.
ސެނެގާލުން ވަގުތީ ގޮތުން ދަނޑު ދޫކޮށްލި ނަމަވެސް، މެޗު އެއްކޮށް ދޫކޮށްލިކަން ދޭހަނުވާ ކަމަށާއި، ރެފްރީ މެޗު ނިންމާނުލައި ކުޅުންތެރިން އެނބުރި އައުމުން މެޗު ފުރިހަމަކުރި ކަމަށް ވެސް ކާސްއިން ވަނީ ބުނެފައެވެ.
މެޗުގެ ނަތީޖާއަކީ ފަހުގެ ނިންމުން ކަމަށާއި، ރެފްރީއާއި މެޗު އޮފިޝަލުންގެ ނިންމުމަށް އެންމެން އިޙްތިރާމްކުރަން ޖެހޭނެ ކަމަށް ވެސް ކާސްގެ ނިންމުމުގައި ވެއެވެ.






