ޗައިނާގެ ޔިންޗުއާންގެ ލިންގްވޫ ކުޅިވަރު މަރުކަޒުގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ފުޓްސަލް މުބާރާތުގެ ދެވަނަ މެޗުގައި، ހޮންގް ކޮންގް އަތުން 7-0 އިން މޮޅުވެ ދިވެހި ޤައުމީ ފުޓްސަލް ޓީމުން ތާރީޚީ ރެކޯޑެއް ހަދައިފިއެވެ. މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ފުޓްސަލް ޓީމުން މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު މޮޅުގެ އިތުރުން، މި މުބާރާތުގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު މޮޅަކީ ސާފް ފުޓްސަލް މުބާރާތުގައި 7-1 އިން ޕާކިސްތާން ބަލިކުރި މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ރާއްޖޭގެ ފުރަތަމަ ލަނޑަކީ ހޮންގް ކޮންގް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެފަހުން އިޝާން އިބްރާހީމް (ސައްޓު) ލީޑު ފުޅާކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ މުޅިން އަލަށް ޤައުމީ ޓީމަށް ކުޅޭ ޝަނާން ރަޝާދެވެ. މިއީ ޤައުމީ ޓީމަށް ޝަނާން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފުގައި ރާއްޖެއިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. މި ހާފުގައި މުޙައްމަދު ސާދު ނިޒާރު ދެ ލަނޑު ޖެހިއިރު، ޝަނާން އަދި ސައްޓު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެ މީހުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްދީފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، މި މޮޅާއެކު ކޯޗު ފާރޫޤް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުގެ ރޫހު ވަނީ ވަރަށް ބޮޑަށް އާވެފައެވެ. ދުނިޔޭގެ ރޭންކިންގގެ 99 ވަނައިގައި އޮތް ރާއްޖެއިން 118 ވަނައިގައި އޮތް ހޮންގް ކޮންގް ބަލިކުރިއިރު، މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ރޭންކިންގގެ 84 ވަނައިގައި އޮތް ޗައިނާއާ ދެކޮޅަށެވެ.






