Saturday, November 7
ޔަހޫދީންގެ ޢީދަކާ ގުޅިގެން އަލްއިބްރާހީމީ މިސްކިތް މުސްލިމުންނަށް ބަންދުކޮށްފި

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލްގައި ހުންނަ އަލް-އިބްރާހީމީ މިސްކިތް، ޔަހޫދީންގެ ޢީދަކާ ގުޅިގެން އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް އެއްކޮށް ބަންދުކޮށްފައެވެ.

މި ފިޔަވަޅުގެ ދަށުން، މިމަހުގެ 6 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުން ފެށިގެން 7 ވަނަ ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް އެ މިސްކިތުގައި ބަންގި ގޮވުން މަނާކޮށް، މުސްލިމުން މިސްކިތަށް ވަނުން ވަނީ މުޅިން މަނާކޮށް ހުއްޓުވާފައެވެ.

އަލް-އިބްރާހީމީ މިސްކިތުގެ ޑިރެކްޓަރު މުޢުތަޒް އަބޫ ސުނައިނާ ވިދާޅުވި ގޮތުގައި، މި މުއްދަތުގެ ތެރޭގައި މިސްކިތުގެ ގޯތިތެރެއާއި ނަމާދުކުރާ ހުރިހާ ބައިތަކެއް ޔަހޫދީ ސިފައިން ވަނީ ހަމައެކަނި ޔަހޫދީ ވަޒަންވެރިންނަށް ޚާއްސަކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާގެ ހަށިކޮޅު ފަސްދާނުވަޑުވާފައިވާ ކަމަށް ބުނެވޭ ތަނުގައި ޔަހޫދީން ފާހަގަކުރާ އަހަރީ މުނާސަބަތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޢީދު ފާހަގަކުރުމަށްޓަކައި ގާތްގަނޑަކަށް 20,000 އެއްހާ ޔަހޫދީ ވަޒަންވެރިން އެ ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭއިރު، އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ޚަލީލްގެ ބޮޑު ސަރަޙައްދެއް ބަންދުކޮށް، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރަށް ވަދެނުކުތުމަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

މުސްލިމުންނާއި ޔަހޫދީންވެސް މާތްކޮށް ހިތާ މި މިސްކިތުގެ ސަލާމަތީ ކަންކަން، 1997 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޮންނަނީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ. ނަމަވެސް، ފަލަސްޠީނުގެ މުނިސިޕަލްޓީއަށް ލިބިފައިވާ ޢިމާރާތްކުރުމުގެ ބާރުތައް އިސްރާއީލުގެ މާލީ ވަޒީރު ބިޓްޒަލެލް ސްމުތުރީޗު ވަނީ މިދިޔަ ޖޫން މަހު ގަދަކަމުން އަތުލައިގަނެފައެވެ. ފަލަސްޠީނުގެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މުޅި މިސްކިތް އެއްކޮށް ހިސާރުކޮށް، އެތަން އެއްކޮށް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް ހިންގާ ރޭވުމެކެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ޚަލީލްގައި އިސްރާއީލު ސިފައިން ހިންގި 10 ދުވަހުގެ ވަރުގަދަ އަސްކަރީ ހިސާރު ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، 15 ގެއެއް ތަޅައިލުމުގެ އިތުރުން 3,300 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން ނެރެ މަގުމަތިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު