ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ފަރިތަކުރުމަށްޓަކައި މާދަމާއިން ފެށިގެން ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތައް މި މަހުގެ 28 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް، ހަވީރު 16:00 އިން 18:00 އަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށް، މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް ވެސް ވަނީ އެދިފައެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް ފެށިގެންދާނީ ނޮވެމްބަރު 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ. މި ނަމާދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މިސްކިތުގައެވެ.
ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ނޮވެމްބަރު 3 ވަނަ ދުވަހުގެ ހަނދާނީ ބިނާ ކައިރީގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ގާޑް މައުންޓް ކުރުމުގެ ޚާއްސަ ހަފްލާއެއް އޮންނާނެއެވެ. މީގެ އިތުރުން، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.






