އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށާއި، އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި ނުރަނގަޅު ތަޞައްވުރު ފެތުރުމަކަށް ނޫން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިހެން ވިދާޅުވީ މިއަދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި "7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގް" ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ސަގާފީ ގުޅުންތައް ބަދަހިކުރުމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާމެދުގައެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ އިޙްތިރާމް އިތުރުކޮށްދޭ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލެއްވިއެވެ. އަދި ފުރިހަމަނުވާ މަޢުލޫމާތާއި ތާރީޚީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭއައި ނިޒާމުތަކުގެ ސަބަބުން، މީސްތަކުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަޞައްވުރުތައް އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިޤުތިޞާދީ ކުރިއެރުމާއެކު ފަންނިއްޔާތަކީ އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމަޢުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާންޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. "ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީ ކުޑަބޮޑުމިނުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމެއް ނޫން" ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަންކުރުމުގައި ރާއްޖެއަށް އޮތް ޙައްޤު ހަމަހަމަވާނެ ކަމަށް ވިދާޅުވި ވަޒީރު، ސަރުކާރުތަކާއި ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި ތަޢުލީމީ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ނިންމަވާލެއްވީ، ފަންނިއްޔާތުގެ މުސްތަޤުބަލު އޭއައި އިން ބައްޓަންކުރި ނަމަވެސް، އިންސާނީ މުސްތަޤުބަލު ބައްޓަންކުރަންވާނީ ބުއްދިވެރިކަމާއި ޒިންމާދާރުކަމާއި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށްކަން ހަނދާންކޮށްދެއްވަމުންނެވެ.
އޮކްޓޫބަރު 27 އިން 29 އަށް ކުރިއަށްދާ މި ފޯރަމް ބާއްވަނީ "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިޢާރުގެ ދަށުންނެވެ.






