އިނގިރޭސި ޕްރިމިއަރ ލީގުގެ މާލީ ޤަވާޢިދުތަކާ ޚިލާފުވި ކަމަށް ބުނެ މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރެވުނު 115 ތުހުމަތުގެ ތެރެއިން 114 މައްސަލައެއްގައި އެ ކްލަބް ކުށްވެރިވެފައިވާ ކަމަށް މިނިވަން ކޮމިޝަނަކުން ނިންމާފައިވާ ކަމަށް 'ދި އެތްލެޓިކް' އިން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި ފެނިގެންދިޔަ މިފަދަ އެންމެ ބޮޑު ޤާނޫނީ ނިންމުމެވެ.
މި މައްސަލައަކީ 2009 އިން 2018 އަށް ހިނގައިދިޔަ މާލީ މުޢާމަލާތްތަކާއި ތަޙުޤީޤަށް އެއްބާރުލުން ނުދިނުމާ ގުޅިގެން 2023 ވަނަ އަހަރު ޕްރިމިއަރ ލީގުން ހުށަހެޅި މައްސަލައެކެވެ. ދެ އަހަރު ދުވަހުގެ ދިރާސާތަކަށް ފަހު، 2024 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުނު އަޑުއެހުންތަކަށް ފަހު މި ނިންމުން ވަނީ ނިންމާފައެވެ.
މެންޗެސްޓަރ ސިޓީގެ މައްޗަށް ސާބިތުވި 114 ކުށުގެ ތެރޭގައި ޞައްޙަ ނޫން މާލީ މަޢުލޫމާތު ހުށަހެޅި 54 މައްސަލައަކާއި، ސިއްރުން ފައިސާ ދިން 14 މައްސަލައިގެ އިތުރުން މާލީ ޤަވާޢިދުތަކާ ޚިލާފުވުމާއި ތަޙުޤީޤަށް އެއްބާރުލުން ނުދިން 35 މައްސަލައެއް ހިމެނެއެވެ.
ކޮމިޝަނުން އަދި ވަކި އަދަބެއް ކަނޑަނޭޅި ނަމަވެސް، ޤަވާޢިދުތައް އޮންނަގޮތުން ބޮޑެތި ޖޫރިމަނާތަކާއި، ޕޮއިންޓް އުނިކުރުމާއި، ލީގުން ވަކިކުރުން އަދި ކުރިން ހޯދާފައިވާ ޝަރަފުތައް އަތުލުމުގެ ފުރުޞަތު އެބައޮތެވެ.
ސިޓީން މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވޭއިރު، މައްސަލަ ނިމެން 2027 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ހިނގައިދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކްލަބުން ބުނެފައިވަނީ ޤާނޫނީ އިޖުރާއާތުތައް ކުރިއަށްދާ ކަމަށާއި ކްލަބުގެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



