ޔޫއެފާ ސުޕަރ ކަޕް މެޗެއްގައި އިންސާފުކުރާ ފުރަތަމަ އެފްރިކާގެ ރެފްރީގެ ގޮތުގައި ތާރީޚުން ޖާގަ ހޯދުމަށް ސޯމާލިއާގެ ރެފްރީ ޢުމަރު އަރްތާން ތައްޔާރުވެއްޖެއެވެ. މިއީ ވިސާގެ މައްސަލައަކާ ހުރެ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުން ލިބުނު މާޔޫސްކަމަށްފަހު އޭނާ ހޯދި ބޮޑު ކާމިޔާބީއެކެވެ.
އުމުރުން 34 އަހަރުގެ އަރްތާން މިވަގުތު ހުރީ އޮސްޓްރިއާގެ ސާލްޒްބާގްގައެވެ. އޭނާ ތައްޔާރުވަމުން ދަނީ ބުދަ ދުވަހުގެ ރޭ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޔޫރޯޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާ ބައްދަލުކުރާ ޝަރަފުވެރި މެޗުގައި އިންސާފުކުރުމަށެވެ.
2026 ގެ ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރާ ފުރަތަމަ ސޯމާލިއާގެ ރެފްރީއަށް ވުމަށް އަރްތާން އެންމެ ފުރަތަމަ ހޮވުނެވެ. ނަމަވެސް، އެމެރިކާއަށް އެތެރެވުމުގެ ވިސާ ނުލިބުމުގެ ސަބަބުން، އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތް ބޭކާރުވެ، އޭނާއަށް ބޮޑު ހުރަހަކާ ކުރިމަތިލާންޖެހުނެވެ.
މިކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަދައްކަމުން އަރްތާން ބުނީ، އެއީ ވަރަށް ދަތި އަދި ޖަޒުބާތީ ދުވަސްކޮޅެއް ކަމަށާއި، ނަމަވެސް މުޅި ދުނިޔެއިން ލިބުނު އެއްބާރުލުމުގެ ސަބަބުން އެ މާޔޫސްކަމުން އަރައިގަންނަން ފަސޭހަވި ކަމަށެވެ. "އެއީ ވަރަށް ޖަޒުބާތީ އަދި އުނދަގޫ ވަގުތެއް. ނަމަވެސް ވާލްޑް ކަޕަށް ކޮލިފައިވުމަށް އަހަރުތަކެއް ވަންދެން ކުރި މަސައްކަތަށްފަހު ކުރިމަތިވި މި ގޮންޖެހުމުން އަރައިގަނެވުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދިން އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން،" ޔޫއެފާއަށް ދިން އިންޓަވިއުއެއްގައި އަރްތާން ބުންޏެވެ.
އޮގަސްޓް 12 ވާ ބުދަ ދުވަހު ސާލްޒްބާގްގެ ރެޑް ބުލް އެރީނާގައި އަރްތާން ތާރީޚުގެ ތެރެއަށް ވަންނާނީ ޔޫއެފާ ސުޕަރ ކަޕް މެޗެއްގައި އިންސާފުކުރާ ޔޫރަޕަށް ނިސްބަތްނުވާ ފުރަތަމަ ރެފްރީގެ ގޮތުގައެވެ. މި ތާރީޚީ ފުރުސަތު ތަނަވަސްވެގެން ދިޔައީ ޔޫއެފާ އާއި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) ގުޅިގެން ކުރި މަސައްކަތުންނެވެ.
މި މެޗުގައި އަރްތާން އިސްކޮށް ހުންނަވާއިރު، އޭނާގެ އޮފިޝަލުންގެ ޓީމުގައި މުޅިންވެސް ހިމެނެނީ އެފްރިކާގެ ރެފްރީންނެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި ތިބޭނީ ޖިބޫޓީގެ ލިބާން އަބްދުރަޒާކް އަހުމަދު އާއި ކެންޔާގެ ސްޓީވަން އެލިއޭޒަރު އޮންޔަންގޯ ޔިއެމްބޭއެވެ.
ސީއޭއެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވަނީ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ އަރްތާންއަށާއި އެފްރިކާގެ ރެފްރީންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ފުޓްބޯޅައިގެ ޒަރީއާއިން މީހުން ގުޅުވައިދޭނެ ގޮތް މިކަމުން ހާމަވާކަމަށް މޮޓްސެޕޭ ބުންޏެވެ.
މި ހަމަޖެހުން އައިސްފައިވަނީ އަރްތާންއަށް ލިބުނު ބޮޑެތި ކާމިޔާބީތަކަކަށްފަހުގައެވެ. އޭނާއަކީ ސީއޭއެފް ޗެމްޕިއަންސް ލީގު ފައިނަލެއްގައި އިންސާފުކުރި ފުރަތަމަ ސޯމާލިއާގެ ރެފްރީގެ އިތުރުން 2025 ވަނަ އަހަރުގެ ސީއޭއެފްގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދި ފަރާތެވެ.
އަރްތާންގެ ރެފްރީކަމުގެ ދަތުރު ފެށުނީ ސޯމާލިއާގެ އެތެރޭގެ މެޗުތަކުންނެވެ. އޭގެފަހުން 2018 ވަނަ އަހަރު އޭނާ ވަނީ ފީފާގެ އިންޓަނޭޝަނަލް ލިސްޓުގައި ހިމެނިފައެވެ. ފަހުން އޭނާ ވެގެންދިޔައީ 2024 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގައި އިންސާފުކުރި ފުރަތަމަ ސޯމާލިއާގެ ރެފްރީ އަށެވެ.
ވޯލްޑް ކަޕުން ކުރިމަތިވި ހުރަހާއެކުވެސް، އަރްތާން އުއްމީދުކުރަނީ އޭނާގެ ތަޖުރިބާއަކީ ގޮންޖެހުންތަކާ ކުރިމަތިލާ އުޅޭ އެހެން ރެފްރީންނަށް ލިބޭނެ ހިތްވަރަކަށް ވުމަށެވެ. "އަހަންނަށް ކާމިޔާބު ކުރެވުނިއްޔާ ކޮންމެ މީހަކަށްވެސް ކާމިޔާބު ކުރެވޭނެ. ހުވަފެން ދެކުން ދުވަހަކުވެސް ހުއްޓާނުލާ،" ޔޫރަޕްގެ މެޗަކަށް ފުރަތަމަ ފަހަރަށް ނުކުތުމަށް ތައްޔާރުވަމުން އަރްތާން ބުންޏެވެ.



