ނެސްޓޯރީ އިރަންކުންޑާ އޮސްޓްރޭލިއާގެ ތާރީޙުގައި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. ޒުވާން ކުޅުންތެރިންނާއެކު ނިކުތް އޮސްޓްރޭލިއާއިންވަނީ ތުރުކީ ބަލިކޮށް 2:0 ކުން މޮޅުވެފައެވެ.
ވެންކޫވަރުގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ޑީގެ މި މެޗުގެ ފުރަތަމަ ހާފުގައި ވަޓްފޯޑްގެ ފޯވާޑް އިރަންކުންޑާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އޮސްޓްރޭލިއާއަށް ކުރިހޯދައިދީފައެވެ. އަދި އޭގެ ފަހުން ކޯނާ މެޓްކަލްފް ޖަހައިދިން ދެވަނަ ލަނޑާއެކު، ކޯޗު ޓޯނީ ޕޮޕޮވިޗްގެ ޓީމުން ވަނީ މުބާރާތުގެ ފެށުން ވަރަށް ފުރިހަމަކޮށްފައެވެ.
އުމުރުން 20 އަހަރު ގައި ލަނޑު ޖަހައިގެން އިރަންކުންޑާ މުގުރާލީ، 2010 ވަނަ އަހަރު ގާނާ ކޮޅަށް ލަނޑު ޖެހިއިރު އުމުރުން 26 އަހަރުގެ ބްރެޓް ހޯލްމަންގެ ރެކޯޑެވެ.
ބަޔާން މިއުނިކްގެ ކުރީގެ ކުޅުންތެރިޔާ އިރަންކުންޑާ ހިމެނެނީ، ޕޮޕޮވިޗްގެ ޓީމުގައި މި ފަހަރު ވޯލްޑް ކަޕްގައި އަލަށް ކުޅުނު 10 ކުޅުންތެރިންގެ ތެރޭގައެވެ. މިއީ 2018 ވަނަ އަހަރު އޮސްޓްރޭލިއާއާ ދެކޮޅަށް ފްރާންސް ނެރުނު ޓީމަށްފަހު، ވޯލްޑް ކަޕް މެޗަކަށް ނެރުނު އެންމެ ޒުވާން ސްކޮޑެވެ.
އިރަންކުންޑާ ޖެހި ލަނޑަކީ ފެންވަރު ރަނގަޅު މޮޅު ލަނޑެކެވެ. ޕައުލް އޮކޮން-އެންގްސްޓްލާ ދިން ޕާހެއް ކޮންޓްރޯލް ކޮށްލުމަށްފަހު، ހުސްޖާގައެއް ހޯދައިގެން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. ލަނޑަށްފަހު އޭނާ ވަނީ އޮސްޓްރޭލިއާގެ ކުރީގެ ތަރި ޓިމް ކާހިލް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރާ ގޮތަށް އުފާފާޅުކޮށްފައެވެ.
2002 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ ތުރުކީން މެޗުގެ ބޮޑު ބައެއްގައި މޮޅަށް ކުޅެ، މެޗު ކޮންޓްރޯލް ކުރި ނަމަވެސް، އެމީހުންނަށް ނަތީޖާ ހަމަހަމައެއް ނުކުރެވުނެވެ.
ތުރުކީގެ ޑިފެންޑަރު އަބްދުލްކަރީމް ބަރްދާކްޗީ ދުރުން ފޮނުވާލި ނުރައްކާތެރި ބޯޅަ، އޮސްޓްރޭލިއާގެ ގޯލްކީޕަރު ޕެޓްރިކް ބީޗް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށް ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖައްސާފައެވެ.
އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ މެޓް ރަޔާންގެ ބަދަލުގައި، ބައިނަލްއަގުވާމީ ރަސްމީ މެޗެއްގައި އަލަށް ކުޅުނު ކީޕަރު ބީޗް ވަނީ ދެވަނަ ހާފުގައި ތުރުކީގެ އާރްދާ ގުލާ ފޮނުވާލި ހިލޭ ޖެހުމަކާއި، ޒެކީ ޗެލިކް ގާތުން ފޮނުވާލި ހަމަލާއެއްވެސް ހުއްޓުވާފައެވެ.




