އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފަޑް ބްރިޖުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވެއްޖެއެވެ.
މިއީ މި ސީޒަނުގައި ޓޮޓެންހަމްއަށް ލިބުނު ދެވަނަ މޮޅެވެ. މި މޮޅާއެކު ކުޅުނު 8 މެޗުން 9 ޕޮއިންޓް ހޯދައި، ޓޮޓެންހަމް ވަނީ ތާވަލުގެ 12 ވަނައަށް ކުރިއަށް ޖެހިލައި، ރެލިގޭޝަން ޒޯނުން ބޭރުވެފައެވެ. މެޗުން ބަލިވި ނަމަވެސް، 13 ޕޮއިންޓާއެކު ޗެލްސީ އަދިވެސް އޮތީ ތާވަލުގެ 4 ވަނައިގައެވެ.
އަނިޔާގެ ސަބަބުން ފޯވާޑް ޖޮއާއޯ ޕެޑްރޯ އަދި އެއްވަނަ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ނުލައި ކުޅުނު މިމެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ 21 އަހަރުގެ ކީޕަރު މައިކް ޕެންޑާސްއެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރީ ޓޮޓެންހަމުންނެވެ. އެހެން ނަމަވެސް ޗެލްސީގެ ކޯލް ޕާމާ، ޖޯޑަން ހެންޑަސަން އަދި ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު އެންޓޮނިން ކިންސްކީ ވަނީ ދިފާޢުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 77 ވަނަ މިނެޓުގައެވެ. މިއީ ޓޮޓެންހަމުން ނެގި ކޯނަރެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ކީޕަރު ޕެންޑާސްގެ އަތުގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.
ޓޮޓެންހަމް އިން ލަނޑު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ދެވަނަ ރީނދޫ ކާޑާއެކު ޕާމާއަށް ރަތް ކާޑު ދައްކައި ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީގެ މައްޗަށް ޓޮޓެންހަމުން މޮޅު ކަށަވަރުކުރީ މެޗުގެ 87 ވަނަ މިނެޓުގައި މެޓީސް ޓެލް ޖެހި ލަނޑުންނެވެ.
މިއީ 2018 ވަނަ އަހަރަށްފަހު ޓޮޓެންހަމުން ޗެލްސީގެ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1990/1991 ވަނަ ސީޒަނަށްފަހު އެ ދަނޑުގައި ޓޮޓެންހަމުން ކުޅުނު 37 މެޗުގެ ތެރެއިން އެ ޓީމަށް ލިބުނު ދެވަނަ މޮޅު ވެސް މެއެވެ.






