ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެ އަންނަނީ ކުރިއަށްއޮތް އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އެ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.
މި ދަތުރުގެ ތެރޭގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވެއެވެ. އެ މެޗުތައް ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހާއި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ރާއްޖޭގެ ޓީމު ވެސް ދަނީ ކޮލިފައިންއަށް ތައްޔާރުވަމުންނެވެ.
އެފްއޭއެމްއިން ބުނީ، މި މެޗުތަކުން ދެ ޓީމަށް ވެސް ރަނގަޅު ތަޖުރިބާއެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މި ކޭމްޕް އިންތިޒާމުކުރުމުގައި ސަރުކާރާއި ގުރައިދޫ ކައުންސިލުން ދިން އެހީތެރިކަމާއި އެއްބާރުލުމަށް އެފްއޭއެމްއިން ޝުކުރު ވެސް އަދާކޮށްފައިވެއެވެ.
ފަލަސްތީނުގެ ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ރާއްޖެ އައިސްފައިވެއެވެ. އެ ދަތުރުގައި ރާއްޖޭގެ ޓީމާ ކުޅުނު އެކުވެރިކަމުގެ މެޗު ފަލަސްތީނުން ކާމިޔާބުކުރީ 6-0 އިންނެވެ.






