މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގޮތުގައި ވޯލްޑްކަޕް 2026 މިރޭ ފަށާނެއެވެ.މިފަހަރުގެ މުބާރާތަކީ ތާރީޚީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ މުބާރާތެކެވެ.އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތަކީ 48 ޓީމު ބައިވެރިވެގެން މިހާތަނަށް ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. އެހެންކަމުން މި މުބާރާތް ވެފައިވަނީ މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގޮތުގައެވެ.
މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ފުރަތަމަ މެޗު ކުޅޭ މި މުބާރާތާއި ގުޅިގެން ސަޕޯޓަރުންނާއި ފުޓްބޯޅަ އެނަލިސްޓުންގެ މެދުގައި މިހާރުވަނީ ފޯރީގަދަ ބަހުސްތަކެއް ފެށިފައެވެ.މިގޮތުން މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަބަޔަކު ބުރަ ވަނީ 4.5 ގެ ރޭޓިންގ އަކާއެކު ފްރާންސާއި ސްޕެއިނެވެ. ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިނގިރޭސިވިލާތް މި ރޭޓިންގެ ދެވަނައިގައި އޮތްއިރު، ބްރެޒިލް، އާޖެންޓީނާ އަދި ޕޯޗުގަލް ވެސް ހިމެނެނީ ފޭވަރިޓުންގެ ތެރޭގައެވެ.
ތަފާތު ދައްކަފާނެކަމަށް ބެލެވޭ ބައެއް ޓީމުތައް
މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާއަށް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމުގެ ބޮޑު އުންމީދެއް އެބައޮތެވެ. ތާރީޚަށް ބަލާއިރު މުބާރާތް ބާއްވާ ގައުމު ގިނަ ފަހަރު ކުއާޓާ ފައިނަލާ ހަމައަށްވަނީ ދަތުރުކޮށްފައެެވެ. މީގެ އިތުރުން މެކްސިކޯ އާއި ކެނެޑާގެ އިތުރުން ނޯވޭ، މޮރޮކޯ އަދި ކޮލިފައިންގައި ވަރުގަދަ ކުޅުމެއް ދެއްކި ޖަޕާނަކީވެސް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ގިނަބަޔަކު އުންމީދުކުރާ ޓީމުތަކެވެ. އެނަލިސްޓުން ދެކޭގޮތުގައި ހައިޓީ، ސައުދީ އަރަބިއްޔާ އަދި އިރާގު ފަދަ ޓީމުތަކަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ އެންމެ 0.1 އިންސައްތައަށް ވުރެ ކުޑަކޮށެވެ.
ގްރޫޕް އޮފް ޑެތް އަދި ރޮނާލްޑޯ-މެސީގެ ކުރިމަތިލުން
ޓީމުތަކުގެ އަދަދު އިތުރުވުމާއެކު 'ގްރޫޕް އޮފް ޑެތް' އެއް އުފެދުމުގެ ފުރުސަތު ކުޑަ ނަމަވެސް، ގްރޫޕް 'އައި' އަކީ ފާހަގަކޮށްލެވޭ ގްރޫޕެކެވެ.މި ގްރޫޕްގައި ފްރާންސް، ސެނެގާލް، ނޯވޭ އަދި އިރާގު ހިމެނެއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުމެއް މި މުބާރާތުގައި ފެނުމުގެ ފުރުސަތު އޮތީ ދެ ޓީމުގެ ނަތީޖާތައް ނުކުންނަ ގޮތަކުން ކުއާޓާ ފައިނަލުން ނުވަތަ ފައިނަލުން އެކަންޏެވެ. މުބާރާތުގެ ގޯލްޑަން ބޫޓަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ގިނަބަޔަކު ދެކެނީ ކީލިއަން އެމްބާޕޭ އާއި ހެރީ ކޭންއެވެ.
މުބާރާތުގެ މެޗުތައް މިރޭ ފަށާއިރު މުބާރާތާ ގުޅޭގޮތުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފިނިހޫނުމިނެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން 97 މެޗެއް ކުޅެންޖެހޭނީ ކުޅުންތެރިންގެ ފެންވަރަށް އަސަރުކުރާ ފަދަ ގަދަ ހޫނުގައެވެ.




