Wednesday, November 11
އެމެރިކާގައި ބާއްވާ މި އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރި ނުވުމަށް އީރާނުން ނިންމައިފި

އެމެރިކާއިން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާތީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާނަށް ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކޮރަޕްޓްވެފައިވާ އިސްތިޢުމާރީ ބާރަކުން އީރާނުގެ ލީޑަރު އަވަހާރަކޮށްލާފައިވާ މިފަދަ ދަނޑިވަޅެއްގައި، އެއްވެސް ހާލެއްގައި ވޯލްޑް ކަޕްގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. ނަމަވެސް އީރާނު ކުޅެންޖެހޭ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ތާވަލުކޮށްފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސިއެޓްލް ފަދަ ސިޓީތަކުގައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 1,255 މީހުން މަރުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް އަމާންކަމެއް ނެތް. އަދި އަސާސީ ގޮތުން ބަލާއިރު، މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ މާހައުލެއް މިހާރަކު ނެތް،" ދުންޔާމަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ސަބަބުންނާއި، ވޭތުވެދިޔަ ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާތީ، މުބާރާތަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖު ވެސް ވަނީ މިދިޔަ ހަފުތާގައި މުބާރާތުގައި ބައިވެރިވުމާ މެދު ޝައްކު އުފައްދަވާފައެވެ. މާރިޗް 1 ގައި އޭނާ ވިދާޅުވީ، އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އުއްމީދާއެކު ވޯލްޑް ކަޕަށް އިންތިޒާރު ކުރުމަކީ އީރާނުގެ ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވޯލްޑް ކަޕްގެ ހާލަތަކީ މިއީ ކަމަށްވާނަމަ، ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު އެފަދަ ތަނަކަށް ގައުމީ ޓީމު ފޮނުވާނެތޯ؟" ދައުލަތުގެ މީޑިއާ މެދުވެރިކޮށް އޭނާ ސުވާލު ކުރެއްވިއެވެ.

މީގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ، އީރާނުން މުބާރާތުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ކިޔާނެ ކަމަށެވެ. އިންފަންޓީނޯ ވަނީ ޓްރަމްޕާ ބައްދަލުކޮށް، އީރާނުގެ މަސްރަހާ ގުޅޭގޮތުންނާއި މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ ވެސް އީރާނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު